އިންޑިއާގައި ދިރިއުޅޭ ޕާކިސްތާންގެ މަޝްހޫރު ލަވަ ކިއުންތެރިޔާ އަދުނާން ސާމީގެ ވިސާގެ މުއްދަތު ހަމަވެގެން މައްސަލަތަކެއް ދިމާވެއްޖެ އެވެ.
މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން ދަނީ ގަވައިދާ ހިލާފަށް އަދުނާނު އިންޑިއާގައި އުޅެނީ ކަމަށާއި އެ ފުރުސަތު އޭނާ އަށް ދީގެން ނުވާނެ ކަމަށެވެ.
އަދި މިހާރުން މިހާރަށް އޭނާ ޑިޕޯޓްކޮށްލަން ވެސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.
ވިސާގެ މައްސާލަގައި އަދުދާނު އިއްޔެ ނެރުނު ބަޔާނެއްގައި ބުނަނީ އޭނާގެ ވިސާގެ މުއްދަތު ހަމަވީ މި މަހުގެ 6 ގައި ކަމަށެވެ. އަދި ވިސާގެ މުއްދަތު އިތުރުކޮށް ދޭން އެދި މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ކާމިޔާބު ލަވަ ކިއުންތެރިޔާ ބުންޏެވެ.
ބޮލީވުޑްގެ ފިލްމްތަކުގެ އިތުރަށް ފާހަގަކޮށްލެވޭ ލަވަ އަލްބަމްތަކެއް ވެސް ނެރެފައިވާ އަދުދާނު އިތުރަށް ބުނީ އޭނާ އިންޑިއާގެ ގާނޫނާއި ގަވައިދުތަކަށް އިހުތިރާމް ކުރާ ކަމަށާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
"އަހަރެން އިންޑިއާގައި މި ހޭދަ ކުރި 14 އަހަރުގައި ވެސް ހަމަ ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރަމުން މި އަންނަނީ. ވިސާ މުއްދަތު އިތުރުކޮށްގެން އިންޑިއާގައި ދިރިއުޅެނީ،" އަދުނާން ބުންޏެވެ. "އަނެއްކާ ވިސާގެ މުއްދަތު އިތުރު ނުކުރެވެނީސް އަހަންނަކަށް އިންޑިއާ އިން ބޭރެއް ވެސް ނުވެވޭނެ."
ވިސާގެ މުއްދަތު ހަމަވެ، އަދުނާނު އިންޑިއާގައި "ތާށި" ވެފައިވާ އިރު މި މައްސަލަ ވަނީ މުމްބާއީގެ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އަދި މިކަމާ ފުލުހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މުމްބާއީގެ ފުލުހުންނަށް އެނގޭނެ އަހަރެން މި ހުރި ހާލަތު މިހާރު. އެހެންވީމާ އަހަރެންނަކީ ގާނޫނާއި ގަވައިދުތައް މުގުރާލާފައި އިންޑިއާގައި ގަދަ ބާރުން މަޑުކޮށްލައިގެން ހުރި މީހެއް ކަމަށް ގަބޫލެއް ނުކުރެވޭނެ. އަބަދުވެސް މިތާނގެ ގާނޫނާއި ގަވައިދުތަކަށް އަހަރެން އިހުތިރާމްކޮށް ބޯލަނބަން." އަދުނާން ބުންޏެވެ.