މޯލްޑިވިއަން ސީޕްލޭންގެ ޕައިލެެޓުން މުސާރައިގެ މައްސަލައެއްގައި މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަމުން އެބަދެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން މޯލްޑިވިއަން ސީޕްލޭންގެ ޕައިލެޓުން ދަނީ މުޒާހަރާ ކުރަމުންނެވެ. މައުލޫމާތު އެނގޭ މީހަކު "އައްޑޫލައިވް"އަށް ބުނީ ޕައިލެޓުން މުޒާހަރާ ކުރަނީ ފާއިތުވި 6 މަސް ދުވަހު އެކަށީގެންވާ މުސާރަ ނުދީ މަސައްކަތް ކުރުވާ މައްްސަލަ އާއި ސީޕްލޭންގެ ޗީފް ޕައިލެޓަކަށް ހުންނެވި މުސްތަފާ މަންސޫރު އެއްވެސް ނޯޓިސް އަކާއި ނުލާއި ވަކިކުރުމުގެ ސަބަބުންނެވެ.
މުޒާހަރާ ކުރަމުންދާ ޕައިލެޓުން ވަނީ މުސްޠަފާ މަންސޫރު ވަކި ކުރި މައްސަލަ އާއި ގުޅިގެން އައިލެންޑު އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މިހާދަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި މުސްޠަފާ މަންސޫރު ވަޒީފާއިން ވަކި ކުރިކުރުމާއި ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ވަނީ ހިމަނާފައެވެ.
ޕައިލެޓުން މުޒާހަރާ ކުރަމުން އަންނަ އިރު ކޮވިޑު-19 އާއި ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ވަނީ 50 ޕަސެންޓު ދަށްކޮށްފައެވެ. އަދި މި ދިޔަ ޑިސެމްބަރު މަހުން ފެށިގެން މުސާރަ ކުރީގެ އަދަދަށް ބޮޑު ކުރާނެކަމަށް މޯލްޑިވިއަންގެ މެނޭޖްމަންޓުން ބުނި ނަމަވެސް އަދި މިހާތަނަށް މުސާރަ ބޮޑުކޮށްދީފައި ނުވެއެވެ.
މޯލްޑިވިއަންގެ ޕައިލެޓުން މުސާރަ ކުޑަކުރި އިރު އެކުންފުނީގެ އިސް ފަރާތްތަކުން ފިނޭންސްގެ އުސޫލާއި ހިލާފަށް ބޮޑު މުސާރަތަކެއް ނަގަމުން އައި މައްސަލައެއް ފެންމަތިވެ އެކަން އެގޮތަށް ނުކުރަން އައިއޭއެސްއަށް އަންގަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މޯލްޑިވިއަންގެ މީޑިޔާ ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ ސީޕްލޭން ޕައިލެޓުންގެ ތެރެއިން އިހްތިޖާޖު ކުރަނީ މަދު ބައެއް ކަމަާއި އެއެއާލައިންގެ ދަތުރުތަކަށް އޭގެ ސަބަބަުން ބުރޫ ނާރާކަމަށެވެ.
"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ޕައިލެޓުން މުޒާހަރާ ކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ސީޕްލޭންއިން އުފުއްލަން ހަމަޖެހިފައިވާ ފަތުރުވެރިން މިއަދު ރިސޯޓުތަކަށް ގެންދިޔައީ ޓީއެމްއޭގެ ބޯޓުތައް ކުއްޔަށް ނަގައިގެންނެވެ.