އައްޑޫން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 64 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ބުނެފިއެވެ.
އޭއީއޯސީ އިން ބުނީ ފާއިތުވި ދެ ދުވަހު އައްޑޫން އިތުރު ކޮވިޑު ކޭސްއެއް ނުފެންނަކަމަށެވެ. އަދި އައްޑޫން ކޮވިޑު ޖެހުނު 92 މީހުންގެ ތެރެއިން މިހާތަނަށް 64 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މި ވަގުތު އައްޑޫގައި ބަލި ޖެހިފައި ތިބީ ޖުމްލަ 28 މީހުންނެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ އައްޑޫ ކޮވިޑު ފެސިލިޓީގައެވެ.
އައްޑޫން ފުރަތަމަ ކޮވިޑު ކޭސްތަކެއް ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ހުޅުމީދޫ އެމްޓީސީސީ ސައިޓުންނެވެ. އެތަނުގައި މަސައްކަތް ކުރާ ބިދޭސީން ތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެވުނެވެ. އޭގެ ފަހުން ފެބްރުއަރީ 4 ވަނަ ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފުލޫ ކުލިނިކަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މުޅި އައްޑޫ ލޮކްޑައުން ކުރިއެވެ.
އައްޑޫން ކޮވިޑު ފެނުމާއި ގުޅިގެން މިހާތަނަށް 3911 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. އަދި 208 އިމާރާތެއް ކަރަންޓީނުކޮށްފައިވާ އިރު 472 މީހަކު ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.