Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ކޮވިޑު-19

ސިއްޚީ ހިދުމަތްތެރިން ވަނީ ވަރަށް ވަރުބަލިވެފައި: އެޗްއީއޯސީ

ފޮޓޯ: އެޗްއީއޯސީ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެ ސިއްހީ ހިދުމަތްތެރިން ވަރުބަލިވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ކޮވިޑް ފެތުރެން ފެށުމާއި އެކު ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ސިއްހީ ހިދުމަތްތެރިން ރާއްޖެއައިސް އެހީތެރިކަން ފޯރުކޮށްދޭން ފެށިކަމަށެވެ.

އެހެންނަމަވެސް މިހާރު ގިނަ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ކިޔެވުން އަލުން ފެށުމާއެކު އެގޮތަށް ހަރަކާތްތެރިވަމުންދިޔަ ގިނަ ޑޮކްޓަރުން އެނބުރި ގޮސްފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ އަދަދު މަދުކަމަށާއި، އެހެންނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުނުވާކަމަށް ޑރ. މޫސާ ހަސަން ވިދާޅުވިއެވެ. އަދި ސިއްހީ ހިދުމަތްތެރިން މިހާރު ވަރުބަލިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ޕޮޒިޓިވްވާ މީހުންނާއި ބަލިވާ މީހުންގެ އަދަދު ވަކިމަދެއް ނުވޭ. އެހެންވީމަ ސިއްހީ ހިދުމަތްތެރިންނާއި އަދި މިކަމުގައި މިއުޅޭ އެހެން ބޭފުޅުން ވެސް މިހާރު ވަނީ ވަރަށް ވަރުބަލިވެފައި." ޑރ. މޫސާ ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މޫސާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ނޫނަސް، ބައެއް މީހުންގެ ފުއްޕާމެއިން ނިއުމޯނިއާގެ އަސަރު ފެންނަމުން އަންނަކަމަށެވެ. އެހެންކަމުން ވެކްސިން ޖެހުން މުހިންމުކަން ފާހަގަކޮށް ޑރ. މޫސާ ވިދާޅުވީ ވެކްސިން ޖެހުމުން ބަލި ޖެހުމުން ކުރިމަތިވާ ބޮޑެތި ނުރައްކާތައް ކުޑަވެގެންދާކަމަށެވެ.