ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ލުއި ގޮތްތަކެއް ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެދެފިއެވެ.
މިއަދު ކުރިއަށްދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި އިސީގެ ފަރާތުން ވަނީ އިންތިޙާބާއި ގުޅިގެން އެޗްޕިއޭއިން ނެރެފައިވާ ގައިޑްލައިންގައި ހުރި ކަންބޮޑުވާކަންކަން ފާހަގަކޮށްފައެވެ. އަދި އެޗްޕީއޭއިން ވަނި އެފަރާތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީގެ މެމްބަރުންނާއި އީސީގެ މެމްބަރުންނަށް މައުލުމާތު އަރުވާފައެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު މެމްބަރު ރޮޒައިނާ އާދަމް ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންތިހާބާއި ގުޅޭގޮތުން މިހާރު އޮތް އުސޫލުގައި ހިފެހެއްޓުމަކީ ކޮމިޓީގެ މެމްބަރުންނަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އީސީގެ ޝަކުވާތަކަކީ ޤަބޫލުކުރެވޭ ޝަކުވާތަކެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ކެނޑިޑޭޓުންނަށް ކޮންމެވެސް ހާއްސަ އުސޫލުތަކެއް ހޯދައިދޭންޖެހޭ ކަމަށެވެ. އަދި ވީހާވެސް ރައްކާތެރިގޮތަކަށް އުސޫލުތަކެއް ޤައިމުކޮށްދިނުމަކީ ކޮމިޓީގެ އެދުމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"12 ވަނަ ދުވަހުން ފެށިގެން ކެމްޕެއިން ފެށެން ޖެހޭކަމަށް. މިއަދަކީ މިއީ އަށްވަނަ ދުވަސް. އެހެންވީމަ އޭގެ ކުރީގަ ބައްދަލުވުންތަކެއް ބާއްވާފަ އަޅުގަނޑުމެން ރިކުއެސްޓްކުރަން 11 ވަނަ ދުވަހާއި ހަމައަށް މި ކޮމިޓީއަށްވެސް ތިބޭފުޅުން އަލަށް ތި ކަނޑައަޅުއްވާ އުސޫލަކީ ކޮބައިކަން އަޅުގަނޑުމެނަށް ވެސް ހިއްސާކޮށްދެއްވާފަ އިލެކްޝަންސް ކޮމިޝަނުން އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން." ރޮޒައިނާ ވިދާޅުވިއެވެ.
އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އެޗްޕީއޭއިން މިހާރު އެކުލަވާލާފައިވާ ގައިޑްލައިނާއި މެދު އީސީގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރެވޭނެ ގޮތެއް މި ގައިޑްލައިންގެ ދަށުން ނެތްކަމަށް އިސީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.