ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް މާޗް 15 ވަނަ ދުވަހު ޖަހަން ފަށާނެކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވަނީ މާލޭގައި ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގައިކަން ފާހަގަކޮށް ވެކްސިން ޖަހަމުންގެންދާތާ ގިނަ ދުވަސް ވެފައިވާކަން ފާހަގަކޮށްފައެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ވިސްނުން ހުރީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގައި ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާ ދެވަނަ ޑޯޒް ޖަހަން ފެށުމަށްކަމަށެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގެ އެންމެހައި ރައްޔިތުންނަށް މި ފުރުސަތުގެ ތެރޭގައި ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ ކަމަށާއި، އަދި ގާތްގަނޑަކަށް 75 ޕަސެންޓާއި 80 ޕަސެންޓާއި ދެމެދުގެ ރައްޔިތުންނަށް ވެކްސިން ޖެހޭނެކަމަށެވެ.
މިހާރު ދުވާލެއްގެ މައްޗަށް 6000 – 8000 މީހުންނަށް ވެކްސިން ދެވޭކަމަށާއި، އެހެންނަމަވެސް ދުވާލަކަށް 10،000 ވެކްސިން ދިނުމުގެ ޤާބިލުކަން އެބަހުރިކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.