އިތުބާރު ނެތްކަމުގެ ވޯޓު ނަގާ މަގާމުން ދުރުކޮށްފައިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހޯމަ ދުވަހު ހާޒިރުވުމަށް އަންގައިފިއެވެ.
މަލީހަށް ސުލޫކު ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައިވަނީ ހޯމަ ދުވަހުގެ 11:00 އަށެވެ.
މަލީހް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ދުވަހު މައްސަލައިގައި ޖަވާބު ދެއްވަމުން ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ.
އެގޮތުން މަލީހް އެދުވަހު ތުހުމަތު ކުރައްވާފައިވަނީ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރުދައްކާ ކަމަށާއި، އެގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވާފައިވަނީ މަޖުބޫރު ކޮށްގެން ކަމަށެވެ.
މަލީހްގެ ތުހުމަތުތައް ބެއްލުވެމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި މަލީހް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ހާރޫނެވެ.
އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރިފަހުން މަލީހް އަންނަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅި ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެފައިވާއިރު އޭނާވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ފާޑުވިދާޅުވެ ޕާޓީންވެސް ވަކިވެފައެވެ.