ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރަން ބޭނުންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމްޑީޕީން ދައްކާއިރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރީ ކިހާ ވަރަކަށްތޯ ވިސްނާލަންޖެހޭ ކަމަށެވެ. އެގޮތުން ފުރަތަމަ ވެސް ވެރިކަމާ ހަވާލުވެ ޑިމޮކްރެޓިކް އުސޫލާ ހިލާފަށް ރަށްރަށަށް ކައުންސިލަރުން އައްޔަން ކުރެއްވީ ކަމަށާއި އަދި ރަށްރަށުގެ ރަށްކުރި އަރުވާ ކޮމިޓީގެ އެކައުންޓުތަކުގައި ހުރި ފައިސާ ވެސް ދަމައިގަތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި ތިން އަހަރުގެ ވެރިކަން ނިމުނުއިރު ވެސް އެ ކޮމިޓީތަކަށް ފައިސާ ނުލިބޭ ކަމަށާއި އެހެންކަމުން ލާމަރުކަޒީ ނިޒާމަށް އަމަލުކުރެވުނީ ކިހާވަރަކަށްތޯ އަދި ރައްޔިތުންނަށް ބާރު ދޫކޮށްލެވުނީ ކިހާވަރަކަށްތޯ ސުވާލުކުރަންޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އޭގެ ބަދަލުގައި ރައީސް ޔާމީން އިސްކުރެއްވީ ރައްޔިތުން. ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރަން ބޭނުންފުޅުވެ ވަޑައިގެންނެވީ ރައީސް ޔާމީން. އެމްޑީޕީގެ ސަރުކާރުން ނަގާފައި ހުރި މި ދެންނެވި ފައިސާ އަނބުރާ ރައްޔިތުންނަށް ހޯއްދަވައިދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި. މިކަމަށް މިއަދުވެސް ރަށްރަށުގެ ރައްޔިތުން ހެކިވާނެ" އަދުރޭ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ރައްޔިތުންނަށް ބާރުވެރިކަން ދޭނެ ވާހަކަ އެމްޑީޕީން ދައްކާއިރު ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވެސް ކޮށްނުދެވުނު ކަމެއް ވަކި ކައުންސިލުތައް ލިބިގެން ކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދި މިހާރުވެސް ރާއްޖޭގެ ކައުންސިލުތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި ނަމަވެސް ނެރެދެވުނު ނަތީޖާއެއް ނެތް ކަމަށާއި އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި ޔާމީންގެ ފިކުރަށް ވޯޓު ދެއްވުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.