އަލްމަރުހޫމް މުހައްމަދު ޖަމާލުގެ ހަނދާނުގައި ހުޅުމީދޫގައި ބޭއްވި ހަތަރު ވަނަ ގުރުއާން މުބާރާތުން ހުރިހާ ގޮތަކުން އެއް ވަނަ އަށް ހުޅުދޫ މުލައްމާގޭ އާމިނަތު މާނާ އިބްރާހިމް އާއި މީދޫ ސައިގޭ މަރިޔަމް ސަޖާޔާ ހޮވިއްޖެވެ.
އަލްމަރުހޫމް މުހައްމަދު ޖަމާލުގެ ހަނދާނުގައި ބޭއްވި 4 ވަނަ ގުރުއާން މުބާރާތުގެ ނަޖީތާ ފާޅުކޮށް އިނާމު ދިނުމަށްޓަކައި ރޭ ޝަމްސުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ޖަލްސާގައި މި މުބާރާތުން 2 ވަނަ ހޯދާފައި ވަނީ މީދޫ ހެޕީސަން އާއިޝަތު ޝަޒާ މުހައްމަދު ސައީދެވެ.
މުބާރާތުން 3 ވަނަ ހޯދާފައި ވަނީ މީދޫ ހިޔާ ފާތުމަތު މިންނާ ނިޒާމެވެ.
މީގެ އިތުރަށް މި މުބާރާތުގެ އެކިއެކި އުމުރު ފުރާތަކުން އެކި ވަނަތައް ހޯދި ފަރާތްތަކަށް މަރުހޫމް ޖަމާލުގެ އާއިލާގެ ފަރާތުން ހުށަހެޅުއްވި އިނާމު އެ ފަރާތްތަކާ ހަވާލްކޮށް ދެއްވީ ހުޅުދޫ މެޖިސްޓޭޓްކޯޓްގެ ފަޑިޔާރު އަލީ ނަޒީރާއި މީދޫ ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ވަހީދާއި މީދޫ މެޖިސްޓޭޓް ކޯޓްގެ ފަޑިޔާރު އައްޝެއިޚް ޠޮއްޔިބު އަބްދުލް ހަކީމުގެ އިތުރަށް މީދޫ ޝަޒުމް ކުންފުނީގެ ޗެއާމަން އަހުމަދު ޝާޠިރު އާއި މީދޫ ފަޒާ މުހައްމަދު ސައީދު އާއި ޖަލްސާގެ ޝަރަފްވެރި މެހްމާނު ޑރ. އަބްދުﷲ އަފީފެވެ.
މަރުހޫމް ޖަމާލުގެ އާއިލާގެ ފަރާތުން ބާއްވަމުން އަންނަ މި މުބާރާތް މި އަހަރު ބާއްވާފައި މި ވަނީ 1 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
އެހެން ނަމަވެސް މި މުބާރާތް މީގެ ފަހުން މެދުނުކެނޑި ކޮންމެ އަހަރަކު ބޭއްވޭތޯ މަސައްކަތް ކުރާނެ ކަމަށާއި މުބާރާތުގެ އިންތިޒާމްގެ ކަންތައް ފުރިހަމަ ކުރުމުގެ މަގްސަދުގައި މީގެ ފަހުން ބާއްވާ މި މުބާރާތް ބޭއްވުން މީދޫ ޝަމްސުއްދީން ފޯ އިސްލާމިކް ސްޓަޑީޒް އާ ހަވާލްކޮށްފައިވާ ކަމަށް މަރުހޫމް ޖަމާލުގެ އާއިލާގެ ފަރާތުން ރޭ ވަނީ ހާމަކޮށްފަ އެވެ.