Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު ސިޔާސީ

ކެފޭ ރެސްޓޯރެންޓްތަކަށް ލިބެމުންދާ ގެއްލުމާމެދު ސަރުކާރުން ސީރިއަސްވާންޖެހޭ: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީޕީއެމް

މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓްތަކަށް ލިބެމުންދާ ގެއްލުމާމެދު ސަރުކާރުން ސީރިއަސް ވާންޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓްތަކަށް ލިބެމުންދާ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކަކީ ސިޓީ ކައުންސިލާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށެވެ.

"އެ ވިޔަފާރިތައް ދަނީ ބަނގުރޫޓުވަމުން، އެތައް ރައްޔިތުންގެ ވަޒީފާ ދަނީ ގެއްލެމުން" ޑރ. މުއިއްޒު ކުރެއްވި ޓްވީޓްގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ ރެސްޓޯރެންޓްތައް ހުޅުވާ ހިންގަމުން އައިސްފައިވަނީ ވަކި މިންގަނޑުތަކެއްގެ ތެރެއިންނެވެ. އަދި ކެފޭ ރެސްޓޯރެންޓްތައް ހުޅުވާ ހިންގުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިނުވާތީ ކެފޭތަކަށް ބޮޑެތި ގެއްލުންވާކަމަށްބުނެ އެ ވިޔަފާރި ކުރާ ފަރާތްތަތަކުން މަޖިލީހަށް ވެސް ޕެޓިޝަނެއް ހުށަހެޅިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރޭގަނޑު 08:00 އިން ފެށިގެން ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުމަކީ މަނާ ކަމެކެވެ.