Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ކޮވިޑު-19

ވެކްސިން ޖެހުން ލަސްކުރެވުނީތީ ހިތާމަކުރަން: އަލީ އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވީޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުން ލަސްކުރެވުނީތީ އެކަމުގެ ހިތާމަ ތަހައްމަލު ކުރަމުން އަންނަކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަންގައި ހުންނަވާ ހިއްސާ ކުރެއްވި ވީޑީއޯ މެސެޖެއްގައި އަލީ އާޒިމް ވިދާޅުވީ ކޮވިޑް ޖެހުނުތީ ފަސް ދުވަސް ވެފައިވާއިރު ފާއިތުވި ދުވަސްތައް ދިޔައީ ގަދަހުމާއި، ކޮވިޑްގެ ބިރުވެރި އާލާތްތަކުގައި ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އެހެންމަވެސް މިހާރު ހާލު ތަންކޮޅެއް ރަނގަޅުކަމަށްވެސް ވިދާޅުވިއެވެ.

އަދި ވީޑިއޯގައި އަލީ އާޒިމް ވަނީ ވެކްސިން ޖެހުން ލަސްކުރެވުނީތީ އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ.

"ކޮވިޑް ރޯގާގެ ވެކްސިން ނުޖެހުމުގެ ދެރައާ ހިތާމައާ އުނދަގޫ އަޅުގަނޑު މިދަނީ ތަޖުރިބާ ކުރަމުން." އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވަނީ ވެކްސިން ޖެހުން އަވަސް ކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ. އަދި އިހަށް ނުވި ރައްކެލެއް ފަހުން ނުވެވޭނެކަމަށް ވިދާޅުވިއެވެ. އަދި އަލީ އާޒިމް ވަނީ ޑޮކްޓަރުންނާއި ނަރުހުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.