އައްޑޫ ސިޓީގައި ސިލްސިލާ މާރާމާރީތައް ފެށި ރައްޔިތުންގެ ތެރޭގައި މިވަނީ ބޮޑު ބިރުވެރިމެއް އުފެދިފައެވެ. ކޮންމެ ރެއަކު އައްޑޫގެ ކޮންމެ ވެސް ހިސާބެއްގައި މާރާމާރީ ހިނގާކަމުގެ ރިޕޯޓުތައް މިވަނީ އާއްމުވާން ފަށާފައެވެ.
ދޭދޭ ގްރޫޕް ތަކުގެ މެދުގައި އޮންނަ ހިތްހަމަ ނުޖެހުމާއި ބަދަލު ހިފުމުގެ ރޫހު މިވަނީ ބޮޑެތި މާރާމާރީއަށް ބަދަލުވެފައެވެ. ހާއްސަކޮށް ތޫނު އެއްޗެހިތަކުން އެކަކު އަނެކަކު ޒަހަމްކޮށް ފުރާނަތަކަށް ގެއްލޭ ހިސާބަށް ހާލަތު މިވަނީ ގޯސްވެފައެވެ.
ގްރޫޕް މާރާމާރީތައް މިފަހުން ފެށިފައިވަނީ ފޭދޫންނެވެ. މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރު ފޭދޫގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި 7 މީހަކު ޒަހަމްކޮށްލާފައިވާ އިރު މި ހާދިސާ އާއި ގުޅިގެން 5 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.
ފޭދޫގެ މާރާމާރީއަށް ފަހު އެރޭ 12:45 ހާއިރު ހިތަދޫގައި ވަނީ ކަތިވަޅިއަކުން ޒުވާނަކު ޒަހަމްކޮށްލާފައެވެ. މި މާރާމާރީއަށް ފަހު ރޭވެސް ވަނީ އައްޑޫގައި އިތުރު ދެ މާރާމާރީއެއް ހިންގާފައެވެ.
ރޭގެ ފުރަތަމަ މާރާމާރީ ހިންގާފައިވަނީ މަރަދޫގައެވެ. މަރަދޫގައި ރޭ ވަނީ ވަޅިން ހަމަލާދީ 20 އަހަރާއި 26 އަހަރުގެ ދެ ޒުވާނުން ޒަހަމްކޮށްލާފައެވެ. އޭގެ ފަހުން ރޭ ހިތަދޫގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ އިތުރު ޒުވާނަކު ޒަހަމްކޮށްލާފައެވެ.
މި ސިލްސިލާ މާރާތަކާއި ގުޅިގެން މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އައްޑޫގައި ސިލްސިލާ މާރާމާރީތައް އިތުރުވުމާއި ގުޅިގެން އައްޑޫގައި އަމަން ގާއިމް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާރާމާރީތައް އިތުރުވާން ފެށުމާއި އެކު ރަށުތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ޓީމުތައް ނެރެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މި މާރާމާރީ ތަކާއި ގުޅިގެން ބައެއް މީހުން ފުލުހުން ހައްޔަރުކޮށް ތަހްގީގު ފަށާފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އައްޑޫގައި މިހާރު ފެށިފައިވާ މާރާމާރީތަކަކީވެސް ބަދަލު ހިފުމުގެ ފޯރީގައި ހިންގަމުން އަންނަ މާރާމާރީތަކެވެެ. މީގެ ކޮންމެ މާރާމާރީއަކާއި މީގެ ކުރިން ހިންގާފައިވާ މާރާމާރީތަކާއި ގުޅުން އޮތްކަމަށް ބައެއް އާއްމުން ބުނެއެވެ. އެހެންވެ މި ސިލްސިލާތަކުގެ ބިރުވެރިކަން އިތުރަށް ހިނގައިދާނެކަމަށް ބެލެވެއެވެ.
މާޒީއަށް ބަލާއިރު އައްޑޫގައި މިގޮތަށް ހިންގި ބައެއް މާރާމާރީތަކުގައި މީހުން މަރާލާފައިވާ އިރު ބައެއް މީހުންނަށް ވަނީ ޖިސްމާނީ ބޮޑެތި އަނިޔާތައް ލިބި ބައެއް މީހުން ނުކުޅެދޭ މީހުންނަށް ބަދަލުވެފައިވެއެވެ.