Last Updated: November 28, 20:48
Thursday, November 28, 2024
ޚަބަރު

އިންތިހާބަށް އެއްބާރުލުން ނުދެވޭނެ: ޕޮލިސް

ރިޔާސީ އިންތިހާބު ތެރޭގައި ފުލުހުން އައްޑޫގައި ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ލައިވް

ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާއެކު ރިޔާސީ އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޤަޟިއްޔާގެ ޙުކުމުގައި ރިޔާސީ އިންތިޚާބުގައި ކަންކުރަންވީ އުޞޫލުތައް ކަނޑައަޅުއްވާފައިވުމާ އެކު އެ ގައިޑްލައިންނާއި ޚިލާފަށް ކުރިޔަށް ގެންދާ އިންތިޚާބަކަށް އެއްބާރުލުން ދިނުމަކީ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު ކަމަކަށް ވާތީ އެ ގައިޑްލައިން އާ ޚިލާފަށް އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދާ ނަމަ ފުލުހުންގެ އެއްބާރުލުން ނުދޭނެ ކަމަޑް އިލެކްޝަންސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤަށް އެޑްރެސްކޮށް މޯލްޑިވްސް ޕޮލިސް ސަވިސްއިން ފޮނުވި ސިޓީގައި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާގެ ޙުކުމުގައި ރިޔާސީ އިންތިޚާބުގެ ކަންތައް ކުރިޔަށް ގެންދަންވީ ގޮތް ކަނޑައަޅުއްވައި އެކަން އެގޮތަށް ގެންދޭތޯ ކަށަވަރު ކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް ކުރިޔަށް ގެންދާ އިންތިޚާބަކަށް އެއްބާރުލުން ދިނުމަކީ ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ކުރެވޭ ކަމަކަށްވާތީ އެފަދަ ގޮތަކަށް އިންތިޚާބު ކުރިޔަށް ގެންދާ ނަމަ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުދޭނެ ކަމަށް ވަނީ ދަންނަވާފަ އެވެ.

މިއާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ވަކި ކަމެއް ފުރިހަމަ ނުވަނީސް އިންތިޚާބު ކުރިޔަށް ގެންދަން ޖެހޭ އަމުރެއް ސުޕްރީމްކޯޓުން ނެރުއްވައިފި ނަމަ އެ އަމުރަކާ އެއްގޮތަށް މޯލްޑިވްސް ޕޮލިސް ސަވިސްއިން ޢަމަލުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އިލެކްޝަންސް ކޮމިޝަނަށް ވަނީ ދެއްވާފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ ޙަރަކާތްތަކުގެ ދަށުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ސެކިއުރިޓީ އާއި އެ ކޮމިޝަންގެ ޢިމާރާތްތަކުގެ ސެކިއުރިޓީ ދެމުންގެން ދަނީ ފުލުހުންނެވެ.

މީގެ އިތުރުން ވޯޓު ފޮށިތަކާއި ވޯޓު ކަރުދާހުގެ ސަލާމަތީ ކަންކަން ބަލަހައްޓައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަމާން މާޙައުލެއް ޤާއިމް ކުރުމަށް މުޅި ރާއްޖޭގައި ފުލުހުން ދަނީ ޙަރަކާތްތެރިވަމުންނެވެ.