އުތުރު ތިލަފަޅުގެ ޑްރާފްޓް އެއްބަސްވުންކަމަށް ބުނެ އިއްޔަ ސޯޝަލް މީޑިއާގައި ލީކުކުރި ޑްރާފްޓް ލިޔުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރަން އިދިކޮޅު ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފިއެވެ.
އެކަމާއި ގުޅިގެން އިދިކޮޅުން ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ކައުންސިލް ބައްދަލުވުމަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ބޭރުގެ ހަތިޔާރު އެޅި ސިފައިންނަށް ތިބެވޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އިންޑިއާއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ އެއްބަސްވުން ބާތިލް ކުރުމަށާއި އެ އެއްބަސްވުން ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަމުންދާ ދިއުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ރައީސް ކުރައްވާ ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީއާ އެއްގޮތަށް ރައީސް ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށް ގަބޫލު ނުކުރެވޭތީ އެމަނިކުފާނު މަގާމުން ދުރުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ގޮވާލާ ކަމަށެވެ.
އުތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔުންތަކެއް ލިކްކޮށްލާފައިވަނި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ލީކް ކޮށްލާފައިވާ ޑޮކިއުމެންޓާއި ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެއީ ދޮގު ލިޔުމެއްކަމަށެވެ.