Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ޕީޕީއެމް

އުނގޫފާރަށް ދިޔަ ސަރުކާރުގެ ފަރާތްތައް ކަރަންޓީން ނުވާތީ އިދިކޮޅުގެ ކަންބޮޑުވުން

ރ. އުނގޫފާރުގައި ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާއިރު އެރަށަށް ދިޔަ ސަރުކާރުގެ ފަރާތްތަށް ކަރަންޓީން ވެފައިނުވާތީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނުގައިވަނީ، އުނގޫފާރުން ކޯވިޑް ކޭސްތައް ފެނުމާގުޅިގެން މި މާޗް މަހުގެ އެއް ވަނަ ދުވަހުންފެށިގެން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވުމަށް މިހާރު އަންގަމުންދާކަން ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ބައެއް މަޖިލިސް މެމްބަރުންވެސް ހިމެނޭގޮތަށް ގިނަ ފަރާތްތަކެއް މާޗް އަށްވަނަ ދުވަހު އުގޫފާރަށް ގޮސް ރައްޔިތުންނާއި ބައްދަލުކޮށް އެރަށުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި، އެ ފަރާތްތައް ކަރަންޓީނުވާން ނާންގާތީ ކަންބޮޑުވާކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އުނގޫފާރުގައި ކޯވިޑް 19 ފެތުރިގެން ދިއުމަކީ މުޅި އަތޮޅަށްވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަކަށްވެފައި އެހެން އަތޮޅުތަކުންވެސް އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީނުވެ، ރައްކާތެރިކަމުގެފިޔަވަޅު އަޅަމުންދާއިރު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް ގޮވާލާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.