Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު ސިޔާސީ

ސިވިލް ސާވެންޓުންނަކީ އަޅުންކަމަށް ވަކާލާތުކުރުމުން ހައިރާނެއްނުވޭ: ޑރ. ޖަމީލް

ސިވިލް ސާވެންޓުންނަކީ އަޅުންގެ ގޮތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަކާލާތު ކުރެއްވުމުން ހައިރާން ނުވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަންތާ ހުޅުޖަހައި، ބުލީކޮށް ފޮށުމުން އެމްޑީޕީން އުފާވާ ކަމަށާއި، ސިވިލް ސާވެންޓުންނަކީ އަޅުންކަމަށް ސަލީމް ވަކާލާތުކުރެއްވުމުން ހައިރާނުވާކަމަށެވެ.

ޖަމީލް ވިދާޅުވީ ހަޤީޤީ ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ފިކުރު ފެންނަނީ އެމްޑީޕީން ކަމަށެވެ.

" ހީވަނީ ޖާހިލުންނަށް އީދުއައިސްގެން އުޅޭހެން." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

ސިވިލްސާވިސްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ސިވިލް ސާވިސްގައި ތިބޭ މީހުންނަށް ބޭނުންހާ އެއްޗެއް ނުލިޔެވޭނެ ކަމަށާއި ބޭނުންހާ ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށެވެ. އަދި ސިވިްލ ސާވިސްގައި މަސައްކަތްކުރާ މިހާއަކީ "ފޭސްލެސް" މީހެއް ކަމަށް ތަޖުރިބާކާރުން ބުނާ ކަމަށާއި އެއީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް ކަމަށް ސަލީމް ވިދާޅުވިއެވެ.