އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހުތިސާސް ހައި ކޯޓުގައި ނެތް ކަމަށް ނިންމި ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެ އެވެ.
އެހެންނަމަވެސް އެމްޑަބްލިއުއެސްސީ އިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ރައްދުވާ ގޮތަށް ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ހައި ކޯޓަށް ލިބިދޭ އިހުތިސާސްއެއް ނުވަތަ އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާއިން ލިބިދީފައިވާ އިލްތިމާސްކުރުމުގެ ފުރުސަތަކީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ލިބިދީފައިވާ ފުރުސަތެއް ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުތަކުގެ ގާނޫނުން ހައި ކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިހްތިސާސްއަށް ބަލާއިރު، އެ އިހްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކަށެވެ. އެކަމަކު އެމްޑަބްލިޔުއެސްސީން ހުށައެޅީ ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން ނިންމި ނިންމުމެއް ނޫން ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އެކަމާއި ގުޅިގެން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނުއަސާސީން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްޤު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. އެހެންކަމުން ޢާންމު މަޞްލަޙަތަށް ބަލައި، ޤާނޫނުއަސާސީގެ 56، 133 ގެ (ރ) އަދި (ބ) އަށް ރިޢާޔަތްކޮށް އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވާފައިވާކަމަށެވެ.
ޤާނޫނުއަސާސީން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭ ގޮތަށް @mvhighcourt އިން ނަންބަރު 2020/HC-A/149 މައްސަލަ ނިންމާފައިވާތީ، ޢާންމު މަޞްލަޙަތަށް ބަލައި، ޤާނޫނުއަސާސީގެ 56، 133 ގެ (ރ) އަދި (ބ) އަށް ރިޢާޔަތްކޮށް އެމައްސަލަ @SCMaldives ގައި އިސްތިއުނާފުކުރަން ނިންމައިފީމެވެ.
— I Riffath (@ibriffath) March 25, 2021