ރިޔާސީ އިންތިހާބް ނުބޭއްވި ލަސްވަމުންދާތީ އެކަމާ ވަަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ކައުންސިލުން ވެސް ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ރިޔާސީ އިންތިހާބް ބާއްވައި އިންތިހާބީ ވެރިއަކު ހޮވުން ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ވިދާޅުވީ މިކަމާ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވަމުންދާ އިރު، އާންމު ރައްޔިތުންގެ ވެސް މިކަމާ ނުހަނު ކަންބޮޑުވެ، އެ މީހުންގެ ޝުއޫރުތައް މިހާރު ފާޅު ކުރަމުން އަންނަ ކަމަށެވެ.
މޭޔަރު ވިދާޅުވީ އިންތިހާބު ނުބޭއްވިގެން އުޅެނީ އިލެކްޝަން ކޮމިޝަން (އީސީ) ގެ ސަބަބުން ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އަދި އެ ކޮމިޝަނުން މަަސައްކަތް ކުރަނީ ބައެެއް ކަހަލަ ކުދިކުދި މައްސަލަތައް ހުރި ނަަމަވެސް އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބެއް ބާއްވަން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބަށް ހުރަސް އަޅަނީ ބައެއް ސިޔާސީ ޕާޓީތަކުންނާއި ފުލުހުން ކަމަށެވެ.
އިއްޔެ އަލްޖަޒީރާ އަށް ވެސް ދެއްވި އިންޓަވިއުއްގައި މޭޔަރު ވިދާޅުވެފައި ވަނީ އިންތިހާބު ނުބޭއްވިގެ އުޅެނީ އޭގައި ހުރި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ނޫން ކަމަށާއި ފުލުހުން އެކަމަށް ހުރަސް އަޅަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ 2012 ވަނަ އަހަރު ރާއްޖެ އަށް ގެނައި "ބަޢާވާތަށް ފަހު މުޅި ގައުމު ކޮންޓްރޯލް ކުރަނީ ފުލުހުން" ކަމަށާއި "އެ މީހުން އުޅެނީ ބާޢީ ސަރުކާރު ދަމަހައްޓަން" ކަމަށެވެ.
މޭޔަރު ވިދާޅުވީ އިންތިހާބް ނުބޭއްވި ލަސްވަމުންދާ ނަމަ ރައްޔިތުން މަގުތަކަށް ނިކުމެ، އިހުތިޖާޖް ކުރާނެ ކަމަށެވެ.