Last Updated: November 24, 19:19
Sunday, November 24, 2024
ޚަބަރު ސިޔާސީ

ޕީޖީ ކުރާނެ ދައުވާތަކާއި ނުކުރާނެ ދައުވާތަށް މަޖިލީހަށް ނުބެލޭނެ: އިބުރާ

ޕްރޮސިކިއުޓާ ޖެނެރަލް ކުރާނެ ދައުވާތަކާއި ނުކުރާނެ ދައުވާތައް ރައްޔިތުންގެ މަޖިލީހަށް ނުބެލޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި އިބްރާހީމް އިސްމާއީލު (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލަކީ މުސްތަގިއްލު މަގާމެއް ކަމަށާއި، އަދި އެޓާނީ ޖެނެރަލަކީވެސް އޭނާގެ މަސައްކަތުގައި މުސްތގިއްލުވާންޖެހޭ މީހެއްކަމަށެވެ.

"ޕީޖީ އާއި އޭޖީ ކޯޓްތަކުގައި ކުރަން ޖެހޭ ދައުވާތަކާއި، ކުރަން ނުޖެހޭ ދައުވާތަކާއި، މިކަންކަމާ މަޖިލީހަކުން ނުބެހެވޭނެއެވެ. ވެރިކަން ކުރާ ޕާޓީއަކުންވެސް ނުބެހެވޭނެއެވެ." އިބްރާގެ ޓްވީޓްގައިވެއެވެ.

އިބްރާ ވިދާޅުވީ އެގޮތަށް މަޖިލީހުން އޭޖީއާއި ޕީޖީގެ ކަންކަމުގައި ބެހެން ވެއްޖެނަމަ އެކަންވާނީ މަގާމުގެ ނުފޫޒު ނާޖައިޒުކޮށް ބޭނުންކޮށްގެން ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުންކަމުގައެވެ.

"މުޅި އޮޑީގައި ހަސަނު ދެފައި އޮތީމާ އެހެންމީހުން ތިބޭނީ ކޮންތާކުހެއްޔެވެ؟" އިބްރާގެ ޓްވީޓްގައިވެއެވެ.

އިބްރާ މިފަދައިން ޓްވީޓްކުރައްވާފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ރާއްޖެއަށް ގެނައުމަށް ހަވާލުކުރި ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ ހުސައިން ޝަމީމް ނިންމެވުމުން އެކަމުގައި ހިޔާލުތަފާތުން އުފެދި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕީޖީ ޝަމީމް އަދި އޭސީސީގެ ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައިވަނިކޮށެވެ.