އައްޑޫގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދަމަހައްޓަން ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށް ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު، ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މައިގަނޑު ވިސްނުން އަބަދުވެސް ހުންނާނީ އާންމު ރައްޔިތުންނަށް ދަތި ނުވާނެ ފަދަ ގޮތްގޮތަށް ވިސްނައިގެން، އާންމު މަސްލަހަތުތަކާ އެއްގޮތަށް ފުލުހުންގެ ދައުރު ކުރިއަށް ގެންދިއުން ކަމަށެވެ.
އެގޮތުން މި މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބޭ ކަމަށާއި އެ ކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޮލިހުން މަސައްކަތް ކުރާނީ އާންމު ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި "ނޯމަލް ޕޮލިސިންގެ" ހިދުމަތް ފޯރުކޮށް ދޭން ކަމަށެވެ.
އެހެންވެ މުޖުތަމައުތެރޭގައި ހިނގާ ކުށްތައް ހުއްޓުވަން އާންމުންނާ ގުޅިގެން އެކަށީގެންވާ މަަަސައްކަތްތަކެެެއް ކުރެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޝިފާން ވިދާޅުވީ ކުރިއާ ހިލާފަށް އާންމުންގެ ވިސްނުން ވެސް ތަހުޒީބުވެފައިވާ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ތަފާތު އެކި ބާވަތްތަކުގެ ޖަރީމާތައް އައްޑޫގައި ހިންގުން މަދުވެފައި ވަނީ އެ ސަބަބާ ހުރެ ކަމަށް ދެކެވަަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އައްޑުއަކީ އަަމާން ސުލްހަވެރި ތަނަކަށް ހަދަން އިސްކަން ދެއްވާނެ ކަމަށެވެ.
މި މަސައްކަތަށް އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑު އެެއްބާރުުލުމެއް ލިބޭކަން ފާހަގަ ކުރައްވައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ކަންކަމުގައި އިސް ނަންގަވައިގެން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރައްވާތީ އެކަން ފާހަގަކޮށް، ޝިފާން ވަނީ މޭޔަރަށް ހާއްސަ ޝުކުރެއް ވެސް ދަންނަވައިފަ އެވެ.