ސީރަމް އިންސްޓިޓިއުޓު އިންޑިއާއިން ގަންނަން ސަރުކާރުން ނިންމި ތިން ލައްކަ ޑޯޒް ކޮވިޝީލްޑު ވެކްސިންގެ ތެރެއިން އެއްލައްކަ ޑޯޒް ވެކްސިން މިއަދު ރާއްޖެ ގެނެސްފިއެވެ.
ސީރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ އަދި ސީރަމް އިންސްޓިޓިއުޓް ލައިފް ސައިންސް އާއެކު ރާއްޖެއިން ވަނީ ކޮވިޑް ވެކްސިން ގަންނަން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
ކޮވިޑު-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ވެކްސިން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ. އެ ނިންމެވުމާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެކްސިން ގަތުމަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއި ހަވާލު ކުރުމަށް ނިންމެވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.
އިންޑިއާއިން މިއަދު ރާއްޖެއަށް އެެއްލައްކަ ޑޯޒް ވެކްސިން ގެނެސްފައި މިވަނީ އެގައުމުން ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުން މެދުކަނޑާލައިވާ ވަގުތެެއްގައެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ހަދިޔާ ކުރީވެސް އިންޑިއާއިންނެވެ. ކޮވިޝީލްޑުގެ ދެ ލައްކަ ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ޖަހާފައިވަނީ އިންޑިއާއިން ދިން ކޮވިޝީލްޑު ވެކްސިނެވެ.