މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވަން މަސައްކަތް ކުރި، ރިޔާސީ އިންތިޚާބު ފުލުހުންގެ މެންޑޭޓުން ބޭރުން ޤާނޫނާއި ޚިލާފަށް ހުއްޓުވާފައިވާ ކަމަށް އީސީން މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާތީ ފުލުހުން ޤާނޫނުން ބޭރުން ކުރި ކަންކަން ބަޔާންކޮށް ދިނުމަށް އީސީގައި ފުލުހުން ސިޓީއަކުން އެދިއްޖެ އެވެ.
އެތަނަށް އިއްޔެ ފުލުހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަކީ ފުލުހުންގެ މުޢައްސަސާގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ އިލެކްޝަންސް ކޮމިޝަނުން މީޑިއާގައި އެގޮތަށް ވިދާޅުވުމާއި ގުޅިގެން އެފަދަ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެކަން ބަލަމުން ގެންދާ ކަަމަށެވެ.
އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަވިސްއިން އިލެކްޝަންސްގެ ސަލާމަތީ ކަންކަމުގައި އެހީތެރިކަން ދިނުން ހުއްޓާލުން ފިޔަވައި، އެ އިންތިޚާބުގެ ވޯޓުލުން ހުއްޓުވަން ހުރަސްއަޅައި ޤާނޫނުގެ ރޫޙާ ޚިލާފަށް ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ފުލުހުން ކޮށްފައިވާ ނަމަ އެކަމުގެ ތަފްސީލް ޙިއްސާކޮށް ދެއްވުމަށް ޕްރޮފެޝަނަލް ސްޓޭންޑަރ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ރަޝީދު ސޮއި ކުރައްވައި އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ފޮނުވި ސިޓީގައި ފުލުހުން އެދިފައިވެ އެވެ.