ނޯޓް: މިއީ އެމްޑީޕީގެ ވެބްސައިޓްގައި "ފުނަމާ" ލިޔެފައިވާ އާޓިކަލެެކެވެ. ކިއުންތެރިން އިންސާފުކޮށްލައްވާށެވެ.
——————————————————–
ދިވެހި ތާރީޚުގައި މިގައުމުގެ ރައްޔިތުން މިވަރުގެ ހާސްކަމާއި ފިކުރު ބޮޑުވުމުގެ ޙާލަތަކަށް ވެއްޓިފައި ވާނޭކަމާ މެދު ޝައްކު އުފެދެ އެވެ. ތެދެކެވެ. މި ގައުމު ވަނީ ތަފާތު ދަތި މަރުޙަލާތައް ކަނޑައްތުކޮށްފަ އެވެ. ބޭރުގެ އިސްތިއުމާރާއި ބާރުތަކުގެ އަޅުވެތި ކަމާއި ގުދުރަތީ ކާރިސާތަކާ ވެސް މި ގައުމު ވަނީ ކުރިމަތި ލާފަ އެވެ. އެތަކެއް ހިތްދަތި ނާމާން ވަގުތުތަކާއި ދުވަސްތަކާ ވެސް ވަނީ ކުރިމަތިލާފަ އެވެ.
އެހެނަސް މިއަދު މިދެކޭފަދަ ގޮތް ނޭނގޭ ކޮޅެއް މެދެއް ނުއެނގޭ ކަންތައް ގަނޑެއް މިގައުމަކާ ކުރިމަތިވެފައި ވެޔެކޭ ދެންނެވޭކަށް ގައިމު ވެސް ނެތެވެ.
މީގެ ކުރީން މި ގައުމު އަޅުވެތިކޮށްފައި ވަނީ ދިވެހީން އަޑީގައި ތިބެގެން ކަމުގައި ވިޔަސް ބޭރުގެ ނުފޫޒުތަކުންނެވެ. އެއިރު ދިވެހީންނަކީ ކޮންމެވެސް ވަރެއްގެ އަމިއްލަ ފުދުންތެރި ކަމެއް، ކާނޭ ބޯނޭ އެތިކޮޅެއް މި ގައުމުން ހޯދައިގެން އޭގެ މަތީގައި ބަރޯސާވެގެން އުޅެވުނު ބަޔެކެވެ.
ނަމަވެސް މިއަދު އެ ހާލަތު މި ވަނީ މުޅީންހެން ބަދަލުވެފަ އެވެ. މިއަދު މި ގައުމުގެ ރައްޔިތުން ބޭނުން ކުރުމަށް ބޭނުންވާ ކިރުފޮދާއި ދަތްކޮއްޓާ އިލޮށިކޮޅު ވެސް ހޯދުމަށް ބަރޯސާވާން މި ޖެހެނީ ބޭރުގެ ފަރާތްތަކަށެވެ.
ކުރީގައި ހެނދުނު ހެނދުނާ ކާލަން އެންމެ މޮޅުކަމުގައި ދުށް ގަބުޅިކޮޅާއި ދިޔާ ހަކުރުފޮދާއި ވަޅޯ ބަނޑައިދުލެއް މި އަދަކު ހެނދުނުގެ ނާސްތާ އަށް އަރުތެރެ އަށް ފޮނުވާލުމަކަށް ދިވެހީން ފަރިތައެއް ނޫނެވެ.
ރިޔަލުގައި އަނބުރާ ހޭރިޔާ ކުރަމުން ދުއްވާކަށް ގިރިފަޅުތައް މިއަދުގެ ކެޔޮޅުންނަށް އެހާ ފަރިތައް ނޫނެވެ.
ރޭޒަރުތިލަފަޅި ފެންގާގަނޑަށް ވައްޓާލައިގެން ގަހާ ފާހަގަ ކުރުމަކީ މިއަދަކު ކުރާކަށް ބޭނުން ކަމެއް ނޫނެވެ. މަސްއޮޑި ފަހަރުގައި ހެނދުނު ކާލާ ފިހުނު ބަބުކެޔޮކޮޅާއިގެން ހަވީރާ ހަމަޔަށް ތިބެލެވޭހާ ހަކަތައެއް މިއަދަކު ނެތެވެ.
މިއަދު ތެލާއި، ޖީޕީއެސް އަދި ކޮފީ އާއި ތަފާތު ލުއިކާނާތަކާއި އިރުން އިރުގެ ކޮއްތު ތައްޔާރުކޮށްލުމަށް ބޭނުންވާ ތަކެއްޗާއި ގޭސް އުނދުން ނެތި މަސް އޮޑިއެއް ދުއްވުމަކީ ވެސް ވާން އޮތް ކަމެއް ނޫނެވެ.
ދިވެހީންގެ ދިރިއުޅުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް މިއަދު ފެނި ހާމަވާން އޮތް ހަގީގަތަކީ އޭގެ ފުރިހަމަ މާނައިގައި ބޭރުން ގެންނަ ތަކެއްޗަށް ރޭރުވެފައިވުމެވެ.
މިއަދު ރާއްޖޭގެ ދަނޑު ފަނގުތަކުން ލިބޭން ހުރި ތަކެއްޗަށް ވުރެ ބޮޑަށް ބަރޯސާވާން ޖެހިފައި މި ވަނީ ބޭރުގެ މީހުންނަށާއި ތަކެއްޗަށެވެ.
މިއީ އެކާވީސް ވަނަ ގަރުނުގެ ތަރައްގީ ކަމުގައި ދެކޭ ނަމަ މިކަން މި އޮތީ ރަނގަޅަށެވެ. އެކަމަކު ވިސްނާލަން ޖެހޭ ކަމަކީ މި ބަވަނަ ވެފައިވާ ދުނިޔޭގައި އަޅުގަނޑުމެން މިއަދު މި އެދޭ ފުރިހަމަ ދިރިއުޅުމާއި އަމާން ކަމުގައި އުޅޭން ބޭނުންނަމަ މި ގައުމޭ އެކަނި ކިޔައިގެން ފަރުޖެއްސޭކަށް ނެތެވެ.
ބޮޮޑު ވިއްސާރައިގައި ދިވެހީން އެނބުރި އާންމު ހާލަތައް އެނބުރި އައުމަށް މަސައްކަތް ކުރި ނަމަވެސް މިއަދު ގުދުރަތީ ކާރިސާއެއްގައި ހަނާވެ ދިޔަ ދިރިއުޅުން ބޭރުގެ އެހީތެރިކަމާ އެކު ކުރީގެ ހާލަތަށް ވުރެ ރަނގަޅު ހާލަތައް ގެނައުމަށް އޮތް ފަސޭހަކަން މިވަނީ ތަޖުރިބާކޮށްފަ އެވެ.
ބޭރުގެ އެހީތަކުން ހޯދައި ގަނެވުނު ޒަމާނީ ފަސޭހަތަކާއި ވަސީލަތްތަކާއި ޚިދުމަތްތަކަކީ މިއަދަކު ދިވެހީންނަކަށް ބީރައްޓެހި ކަންކަމެއް ނޫނެވެ. އަޅުގަނޑުމެން އެ ދުވަހު ސްކޫލަށް ދިއުމަށް ފުރަމާލޭގައި ހިނގާ އުޅުނު ބޮއް ފެންގަނޑު މިއަދު އެ ވަނީ ގާ އަޅައި ރީތި މަގުތަކަކަށް ބަދަލުކޮށްފަ އެވެ.
ހަކުރާގޭ ދޮރާށީގައި ފެށުނު ފަސްޓް އެއިޑްގެ ޚިދުމަތް މިއަދު އެވަނީ ބޮޑެތި ހޮސްޕިޓަލުތަކުން ދޭން ފަށާފަ އެވެ. މިއަދު މުޅި ރާއްޖެ މި ވަނީ އެޚިދުމަތްތަަކަށް ބޭނުންވެފަ އެވެ.
ތަރައްގީ އަށް އެދި ކެތްތެރިކަން ކޮޅުންލާފަ އެވެ. ހަގީގަތަކީ މިފަދަ ކޮންމެ ޚިދުމަތެއް ކޮންމެ ތަރައްގީއެއް ގުޅިލާމެހިފައި ވަނީ ބޭރުގެ ދީލަތި އެހީތަކާކަމުގައި ވުމެވެ. ބޭރާއި ނުގުޅި އެއް ކަމެއް ވެސް މިއަދަކު ރާއްޖެއަކަށް ކުރެވޭކަށް ނެތެވެ.
ބޭނުން ޖެހި ދިއްކޮއްފައި އޮންނަ ދިވެހީންގެ އަތްތަކަށް ބޭރުގެ އެހީތެރިކަން އަބަދުމެ ބޭނުންވާ ފަދައިން ރާއްޖޭގެ ކޮންމެ ހާލަތެއް ބަދަލު ކުރުމަށް ބޭރުގެ ލަފަޔާއި އިރުޝާދު ބޭނުންވާނެކަން ނޭނގޭނަމަ ދިވެހީންނަކީ ގަބުކަން ނުފިލާ ބަޔެކޭ ބުނާނެ ޖާގަ އޮވެ ދާނެ އެވެ.
އަހަރެމެންގެ އަމިއްލަ ކަންކަމަކާ އެއުރެންނަކާ ނުބެހެވޭނެޔޭ ބުނުމަކީ މިއަދު ޖާހިލު ސިކުނޑިއެއްގެ ވެރިޔަކު މެނުވީ ބުނާނެ އެއްޗެއް ނޫންކަން ބުނާ މީހާ އަށް ނޭނގުނަސް އަހާ މީހާ އަށް އެނގޭނެ އެވެ.
އަސްލު މައުޟޫ އަށް ރުޖޫއަވާން ޖެހޭ އިރު ދަންނަވާން އޮތީ މިއަދު މިގައުމުގެ ހާލަތު ފެނިފައި ކޮންމެ ފަރުދަކަށްމެ ބިރުވެރިކަމާއި މާޔޫސްކަން މެނުވީ ކުރިމަތިވެފައި ނެތް ކަމުގަ އެވެ.
ކޮޅެއް މެދެއް ނޭނގޭ ހާސްކަމެއްގެ ތެރޭގައި ދިވެހީން މިދަނީ އޮޔާ ބެހިގެންނެވެ. ބޭރުގެ ނުފޫޒުތަކަށް ވުރެ މިއަދު ބިރުވެރިވެފައި މި ވަނީ އަމިއްލަ ގައުމުގެ ރައްޔިތުން މިގައުމަށް ވަމުންދާ ޚިޔާނާތާ މެދުގަ އެވެ.
މި ގައުމުގެ އިންސާފުގެ ދޮރާށި ތަކުގައި އެހުރީ ކުނި ކަރުގޮހޮރު ކަމުގައި ދެކޭ މީހުން ގައިމުވެސް މިގައުމުގައި މަދެއް ނޫނެވެ. އިސްތިގުލާލޭ ކަރާމާތޭ މި ގޮވައި ނަގާ ސަރުކާރު ނުވަތަ ދައުލަތުގެ ބާރުތައް ދެމި އޮތުމަށް ބޭނުންވާ އިންޖީނު ކަމުގައިވާ ވަލީއުލް އަމްރު އައްޔަން ކުރުމަށް ދިވެހީންނަށް ލިބިފައިވާ ހައްގު މިވަނީ މި ގައުމުގެ އެންމެ ހަތަރު ފަނޑިޔާރުންނާއި އެ މީހުން އަޅުކަން ކުރަމުން ގެންދާ ސިޔާސީ ދެތިން މީހުންގެ މުށުތެރޭގައި ޗިސްކޮށް ފަނާ ކޮއްލާފަ އެވެ.
މި ގައުމުގެ ރައްޔިތުން އެބައެއްގެ މައްޗަށް ބަރޯސާވާން ޖެހޭ ސަލާމަތީ ބާރުތަކުގައި ހިމެނޭ ފުލުހުންނަކީ މިއަދު މިގައުމުގެ ދުޝްމަނުންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ބައެކެވެ.
މިފަދަ ހާލަތެއްގައި ގައުމު އޮތުމުން ދެން ހިންހަމަ ޖެހިގެން ނޭވާއެއް ލެވޭނީ ކޮން ރައްޔިތަކަށް ހެއްޔެވެ؟ މަގުތައް ފުރިގެން ނުކުމެ ރައްޔިތުން އެ މީހުންގެ ފަރިޔާދުތައް އިއްވަމުން ގެންދާ އިރު ދައުލަތުގެ އެންމެ އިސް ފަޑީގައި ވެޑުވިގެން އެތިބަ ގިނަ މޫނުތަކަށް އެންމެ ރުލެއް ވެސް އަރުވާ ނުލާ އިރު ދެން މިގައުމު ސަލާމަތް ކުރެވޭނީ ކޮން ގޮތަކުން ކަމާ މެދު މިއަދު މި ވަނީ ސުވާލު އުފެދިފަ އެވެ.
އިވެންވީ ކަންފަތްތަކަށް ނީވުމުން ދެން އިއްވާން ޖެހޭ ގޮތް އޮޅިފަ އެވެ. ހަތިޔާރެއް ނެތް ރައްޔިތުންގެ މައްޗަށް އަނިޔާވެރި ލަޝްކަރެއް ރުކުރުވާލައިގެން އެ ތިބީ ހަމަ ދިވެހީންގެ ލިބާސް ލައިގެންނެވެ.
ރައްޔިތުން ހިމާޔަތް ކުރުމަށް އަހުދު ކަށަވަރު ހިފައިގެން އެތިބަ މީހުންނެވެ. މިފަދަ ހާލަތަކަށް ދިވެހީން މި ވައްޓާލީ އެތަކެއް އަހަރަށް ދެމިގެން ދިޔަ ޚުދުމުޚުތާރު ވެރިކަމެއް މުލުން ލުހެލުމަށް ދިވެހީން ހިތުއަޅައި ތެދުވުމުން ހެއްޔެވެ؟ ވެރި މީހާ އާއި އޭނާގެ ދަރީންނާއި އޭނާގެ ތިމާގެ މީހުންނާއި އޭނާގެ ރައްޓެހީން އެކަނި ކައިގެން ބޮއެގެން ނާޗަރަންގީ ކުރާން މުޅިގައުމު ހިތަކަށް އޮތް ބީދައިން ބަދަލު ގެންނާން ދިވެހީން އެދުނީތީ ހެއްޔެވެ؟
ކޮންމެއަކަސް މިއަދު ރާއްޖޭގެ ރައްޔިތުން އެ ރައްޔިތުންގެ ކިބައިގައިވާ އެންމެ އަސާސީ ހައްގު ކަމުގައިވާ ވޯޓުލުމުގެ ޙައްގުން މިވަނީ މަޙުރޫމުކޮށްފައެވެ.
މިކަމުގައި ފާޅުކަން ބޮޑު ގޮތެއްގައި ނުކުމެ އެ ތިބީ މިގައުމުގެ ސްޕްރީމް ކޯޓާއި ފުލުހުންނެވެ. މިއީ މި ގައުމުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ އެވެ.
މީގެ ސަބަބުން މިއަދު މި ގައުމު މިވަނީ ކޮޅެއް މެދެއް ނޭނގޭ ކާރިސާއަކާއި ކުރިމަތިލާން ޖެހިފަ އެވެ. މަގުތަކުގެ އަމާންކަން ގެއްލި މުޅި ގައުމު އިގްތިސާދީ ގޮތުން ވެއްޓި ހައިޖާނު ވެފަ އެވެ.
ބޭރުގެ ލޯތަކުން އެތިބީ މިގައުމުގެ އިސްވެރީންގެ ގަބުޅިކަމާއި ނޭއްގާނިކަމާއި ބޮޑާހޭކުމުގެ ސަބަބުން ކަޅި އަޅައިގެންގެންނެވެ. އެ އުރެން މި ގައުމަށް އެރިޔަސް ދޫކޮއްލިޔަސް ގެއްލުން އޮތީ މި ގައުމުގެ ރައްޔިތުންނަށެވެ.
އާރާއި ބާރުގައި މި ގައުމުގައި މިއަދު ފެންނާން އެތިބީ ހަމަ ހުސް ޖާހިލުންނެވެ. ރައްޔިތުންގެ މައްޗަށް އެއްވެސް ކުލުނެއް ހަމްދަރުދީއެއް ނެތް ޖައްބާރުންނެވެ.
ދޮގާއި މަކަރުވެރިކަމުގައި މުޅި ދުނިޔޭގައި އަރާތިބި ޚާއިނުންނެވެ. ގައުމަށް ޣައްދާރު ވެފައިވާ ބާޣީންނެވެ. މި އަނިޔާވެރީން މި ވަނީ މި ގައުމު މުސީބާތުގެ ފުން އަނދަވަޅަކަށް ވައްޓާލާފަ އެވެ.
ކީރިތި ﷲ މި އަނިޔާވެރީންގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާށިއެވެ. އާމީން