Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށައިފި

ސ. މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މީދޫ ގިރާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަޝްރޫއު ފައްޓަވާ ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި މީދޫ ދާއިރާގެ މަޖްލިސް މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ ޝިފާޒު އަލީ (އެންޒޯ)އެވެ.

މީދޫ ގިރާ ސަރަހައްދުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް އާއި ހަވާލުކޮށްފައިވަނީ 40 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަސައްކަތް ނިންމުމަށް ދެއްވާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ކުންފުނީގެ އަމާޒުކަމަށެވެ.

އާޒިމް ވިދާޅުވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ އަވަސް ސްޕީޑެއްގައި މަސައްކަތް ނިންމުމަށް ބޭނުންވާ ބޭފުޅެއް ކަަމަށެވެ. އަދި އެމްޓީސީސީން މަސައްކަތް ކުރަނީ ރައީސްގެ ސްޕީޑުގައި މަސައްކަތް ނިންމުމަށެވެ.

އެގޮތުން މީގެ ކުރިން އެމްޓީސީސީން އަހަރެއްގެ މައްޗަށް ކުރެވޭ މަސައްކަތުގެ ޑަބަލް ސްޕީޑުގައި މިހާރު އެކުންފުނިން މަސައްކަތް ކުރުމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މުޅި ރާއްޖޭގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން 650 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށްދަނީ އައްޑޫގައި ކަމަށެވެ.