އެމްޓީސީސީގެ ހަޔާތުގައި އެކުންފުންޏަށް މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސ. މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ހެނދުނު މީދޫ ގިރާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އާއްމު ރައްޔިތުން އެމްޓީސީސީންގެ ހިއްސާ ގަނެފައިވަނީ އެއިން ފައިދާ ހޯދުމަށްކަމަށެވެ. އެގޮތުން އެމްޓީސީސީއަށް ހުރިހާ ސަރުކާރުތަކުންވެސް އެހީތެރިވެފައިވާ އިރު މި ސަރުކާރުން އެމްޓީސީސީއަށް ދިން ވަރުގެ އެހީތެރިކަމެއް އެހެން އެއްވެސް ސަރުކާރަކުން އެކުންފުންޏަށް ވެފައި ނުވާކަމަށެވެ.
"މި ކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ ބަޔަކީ ސަރުކާރުތަކުން، އެހެން ނަމަވެސް މި ސަރުކާރުން އެމްޓީސީސީއަށް ވީވަރުގެ އެހީތެރިކަމެއް އެހެން ސަރުކާރުތަކުން މިހާތަނަކަށް ވެފައި ނެތް، މިއީ ހަގީގަތް މިއީ ފެންނަން ހުރި ސްޓެޓިސްޓިކްސް' އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މި ސަރުކާރުގައި މިވީ ދެއަހަރާއި ބައިގައި ކުންފުންޏަށް 3.5 ބިލިއަން ރުފިޔާގެ ދީފައިވާ ކަމަށެވެ. އަދި މިއީ އެމްޓީސީސީގެ ހަޔާތުގައި މިހާތަނަށް އެކުންފުންޏަށް ދީފައިވާ ވިޔަފާރީގެ އަދަދެއް ނޫންކަމަށެވެ.
އާޒިމް ވިދާޅުވީ ރައިސް ސޯލިހު ދެއްވި އިރުޝާދަކީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދްމަތްތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދްމަތެއް ދިނުމަށެވެ. އަދި ކުންފުނީގެ 24،000 ހިއްސާދާރުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތަކަށް ކުންފުނީގެ ކަންކަން ބައްޓަން ކުރުމަށެވެ.
އެމްޓީސީސީގެ މުވައްޒަފުން މަސައްކަތަށް މިއަދު ނިކުންނަނީ މަސައްކަތް ކުރާ ހިތުން ކަމަށާއި، ހަމައެކަނި މަސައްކަތަށް ނިކުތުމަށް ނިންކުންނަނީ ނޫންކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކުންފުނީގެ އެފިޝިއެންސީ ރަނގަޅުކޮށް 24 ގަނޑި އިރު ހިދްމަތްދީ ރައްޔިތުން އެދޭ ބާރު ސްޕީޑެއްގައި މަސައްކަތް ނިންމުމަކީ މިއަދު އެމްޓީސީސީގެ އަަމާޒުކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިދިޔަ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރުކަމަށެވެ. އެގޮތުން 200 މިލިއަނަށް ވުރެ ބޮޑު ފައިދާއެއް ކުންފުންޏަށް ލިބިގެން ދިޔައީ މުވައްޒަފުންނާއި މެނޭޖްމަންޓު ގުޅިގެން އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އެމްޓީސީސީން މިހާރު މަސައްކަތް ކުރަނީ އަވަހަށް ގިނަ މަސައްކަތް ކުރުން ކަމަށާއި އޭގެ ސަބަބުން ކުންފުނީގެ ފައިދާ އިތުރުވެގެން އަންނަކަމަށް އާޒިމް ފާހަގަ ކުރެއްވިއެވެ.
އެމްޓީސީސީން އަންނަނީ އައްޑޫގައި 650 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުންނެވެ. އެއީ ކުންފުނީގެ އާމްދަނީގެ ދެބައިކުޅަ އެއްބައި މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން އިއްޔެ އާއި މިއަދު ވަނީ އައްޑޫގެ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ އިންޓަނޭޝަނަލް ޕޯޓު ތަރައްޤީކުރުމާއި، ހިތަދޫ ބަނދަރު ހެދުމުގެ އިތުރުން ހުޅުމީދޫ މިފްކޯ މަސްޕްލާންޓުެގ ބަނދަރުގެ މަސައްކަތުގެ އިތުރުން މީދޫ ގޮނޑުދިށް ހިމާޔަތް ކުރުމާއި ހުޅުދޫ ބަނަދަރުގައި ކީވޯލް ޖެހުން ހިމެނެއެވެ.