Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު ޝަރުއީ ދާއިރާ

އުދައްޔުގެ މަރު: ދައުވާ ލިބޭ ތިން މީހުންގެ ބަންދަށް 30 ދުވަސް

މިދިޔަ މަހުގެ ކުރީކޮޅު ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ އަހުމަދު އުދައްޔު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި ތިން މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައިވަނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ.

މި މައްސަލައިގައި ތިން މީހަކަށާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ކުރަން ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ފޮނުވީ މާޗް 29 ވަނަ ދުވަހުއެވެ.

އެގޮތުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި އެރަށު ބިލަތްމާގެ، ޝަރަފު ރަޝިދު އަދި ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށް ދައުވާ ކުރުމަށެވެ.

އެމީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ވެސް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.