ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އައްޑޫ ފިކުރު ދިރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހިތަދޫ މާމެންދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އާމިނަތު އަދާލާ ރަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫލައިވް އިން ގެނެސްދޭ "އަހަފެލެ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އަދާލާ ވިދާޅުވީ ރައްޔިތުން ކައުންސިލަށް އެކި ފަރާތްތަށް އިންތިހާބު ކުރަނީ ވަކި ޕާޓީއެއް ނުވަތަ ވަކި ފިކުރެއްގެ މަސައްކަތް ކުރުމަށް ނޫން ކަމަށާއި އެގޮތުން ކައުންސިލަށް ހޮވޭ ފަރާތްތަކުން އެ ހަވާލުވާނީ އެތައް ރައްޔިތުންތަކެއްގެ އުއްމީދުތަކާއެކުގައި ކަމަށެވެ.
އަދި މީގެ އަހަރުތަކެއް ކުރިން ހިތަދޫގެ ހާލަތު އޮތް ގޮތާއި މިއަދާއި އަޅާބަލާއިރު މާބޮޑު ތަފާތެއް ފެންނަން ނެތްކަން ފާހަގަކުރައްވަމުން އަދާލާ ވިދާޅުވީ މި ކަންކަން ހައްލުވާނީ ދުރު ވިސްނުމެއް ގެންގުޅޭ ޓީމެއް އިސް ސަފުގައި ތިބެގެން ކަމަށާއި އެ ފަރާތްތަކަކީ ވަކި ފިކުރެއް ދިރުވަން އަންނަ ބައެއްގެ ބަދަލުގައި އައްޑޫ ފިކުރު ދިރުވަން އަންނަންޖެހޭ ބައެއް ކަމަށެވެ.
"އައްޑޫ ފިކުރު ދިރުވަން އަންނަ ބަޔަކަށް ވެއްޖެނަމަ އެޓީމުން އައްޑޫ ތަރައްގީ ކުރަން މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުކުރަން"
އަދާލާ ވިދާޅުވިއެވެ.
މީގެއިތުރުން އާ ކައުންސިލަށް އިންތިހާބުވެއްޖެނަމަ ހުރިހާ ފިކުރުތަކަކަށް ވެސް އިހުތިރާމް ކުރައްވާނެ ކަމަށާއި އަދި ތަފާތު ފިކުރުތަކާއެކު އުޅެން ދަންނަ ކަމަށްވެސް އަދާލާ ވިދާޅުވިއެވެ. އެގޮތުން ތަހުޒީބު ވިސްނުމަކުން ވިސްނާ މީހެއް ކަމުގައި ވާނީ ތަފާތު ހިޔާލުތަކުގެ މީހުންނާއެކު އެއް ރޫހެއްގައި މަސައްކަތްކޮށް، އެ ރޫހު ދިރުވިގެން ކަމަށްވާއިރު އައްޑޫ ސިޓީގެ ކުރިމަގު އުޖާލާ ކުރެވެން އޮތީ އެގޮތުގެ މަތީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ފިކުރެއްގެ ބަޔަކު އިންތިހާބު ވިޔަސް ޔަގީންކަން ދެން އަޅުގަނޑުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ރައްޔިތުންގެ ލާބަޔާއި މަންފާވާ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ"
އަދާލާ ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އަދާލާއާ ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޖަމްޝީދާ މުހައްމަދު (މާހު) އެވެ.