ލާމަރުކަޒީ ގާނޫނުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ގާބިލް މީހުންނަށް ރައްޔިތުން ވޯޓުދީ އިންތިހާބުކޮށްގެންނެވެ.
ކައުންސިލް ތަކަކީ ރައްޔިތުންނަށް އެންމެ ގާތުން ހިދްމަތްދޭ އިދާރާތަކެވެ. އެހެންވެ އެތަންތަނަށް ކަން ކުރެވޭނެ ތަޖްރިބާ އާއި ހުނަރު ތިބި މީހުން އިންތިހާބުކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާއަށް ވާދަ ކުރައްވާ އާމިނަތު ސާލިހާ އަކީ ރަށުގެ ތަރައްޤީއަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ރައްޔިތުންނަށް ޚިދްމަތްކޮށްދެއްވުމުގައި ދެމި ހުރި ފަރާތެކެވެ.
ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާއި ގުޅިގެން މީދޫ ދާއިރާގެ ގޮޑިއަށް އަންހެން ކެންޑިޑޭޓަކު އިންތިހާބު ކުރުމަށް ނިންމުމާއި ގުޅިގެން ސާލިހާ ނިކުތީ ސާބިތު ކަމާއި އެކު މި ފުރިހަމަ ޒިއްމާ އަދާ ކުރުމަށެވެ. މީދޫގައި ހުނިޖެހިފައި ހުރި ތަފާތު އެތައް މައްސަލަތަކެއް އެނގި އެކަން ކަމަށް ހައްލު ހޯދައި ދިނުމަށެވެ.
ސަރުކާރާއި އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓަކަށްވި ނަމަވެސް ސާލިހާގެ ނަޒަރުގައި ކައުންސިލަކީ ޕާޓީ ރޫހު ދިރުވައި، ޕާޓީއަށް ހިދްމަތް ކުރުމަށް ނިކުންނަ ފުރުސަތެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ރައްޔިތުން ބޭނުންވާ ތަރައްޤީ ރަށްތަކަށް ގެނައުމުގެ ތަންފީޒީ މަސައްކަތް ކުރާ ތަނެކެވެ.
ނަމަވެސް މިއަދުވެސް މީދޫ ދާއިރާގެ ބައެއް ރައްޔިތުންގެ ސުވާލަކީ ސަރުކާރު ހިންގާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު މީދޫ ދާއިރާއިން ހޮވައިފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލަށް ސާލިހާ ދެއްވީ ކުރު ޖަވާބެކެވެ.
"އަޅުގަނޑު ވެސް އިންތިޚާބު ކުރަނީ ޤާނޫނުގެ ދަށުން. އަޅުގަނޑަށްވެސް ވޯޓު ދެއްވާނީ ދިވެހި ރައްޔިތުން، މީދޫ ދާއިރާގެ ރައްޔިތުން. ވަކި ޕާޓީއެއްގެ ވަކި ކުލައެއްގެ މީހަކަށްވީތީ އެއްވެސް ކަމަމުން މީދޫވެސް އަދި މި އައްޑޫގެ އެއްވެސް އަވަށެއް އެކަހެރިކޮށް ބާކީ ނުކުރެވޭނެ"
ސާލިހާ ވިދާޅުވީ ކައުންސިލްގެ މީދޫ ގޮޑިއަށް ރައްޔިތުން އޭނާ އިންތިހާބުކޮށްދެއްވައިފި ނަމަ އެފުރުސަތަކީ ރައްޔިތުން ހިތް ހަމަޖެހޭ އަދި ރައްޔުތުން ބޭނުންވާ ތަރައްޤީ ގެނެސްދޭނެ ފުރުސަތަކަށް ހަދާނެކަމަށެވެ. އަދި މީދޫގެ ފަހްރާއި ތާރީހާއި ސަގާފަތް ހިމާޔަތްކޮށް ރައްކާތެރިކޮށް ދިނުމަށް ކައުންސިލް މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑަކީ ހުރިހާ ފިކުރަކާއި އެކު މަސައްކަތް ކުރާނެ މީހެއް، އެއްވެސް ޕާޓީއެއްގެ މެންބަރަކު އަޅުގަނޑަށް ވޯޓް ދެއްވަން ފަސްޖެހި ވަޑައިގަންނަވާނެކަމެއް ކަމެއް ނެތް، އަޅުގަނޑު އިސްކުރާނީ މީދޫ ދާއިރާގެ ތަރައްޤީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް" ސާލިހާ ވިދާޅުވިއެވެ.
ސާލިހާ ވިދާޅުވީ ކައުންސިލް ގޮޑިއަށް އިންތިހާބުވާ އެއްވެސް ފަރާތަކީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރުން ނިންމާ ނިންމުންތަކާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭނެ މީހެއް ނޫނެވެ. އޭގެ ބަދަލުގައި ކައުންސިލަރަކީ ރައްޔިތުންނާއި އެކު ރައްޔިތުން އެދޭ ތަރައްޤީ ރަށާއި، އަތޮޅަށް ނުވަތަ ސިޓީއަށް ގެނެސްދިނުމަށް މަސައްކަތް ކުރަން ޖެހޭ މީހެކެވެ.
މީދޫ ދާއިރާގެ ގޮޑިއަށް ޕީޕީއެމްގެ ޓިކެޓުގައި ސާލިހާ ނިކުތް ނަމަވެސް އޭނާއަށް ރަށުގެ ތަފާތު ފިކުރުތަކުގެ މީހުން ތާއިދު ކުރަނީ މި ސަބަބުތަކާއި ހެދިއެވެ. މީދޫގެ ވެށި ސާފުކޮށް ހިތްގައިމުތަނެއްގެ ގޮތުގައި ހެދުމަށް ޖަމިއްޔާ ޖަމާއަތްތަކާއި އެކު ސާލިހާ ވަނީ ހިތްވަރު ގަދަ ނަމޫނާ ދައްކާފައެވެ.
މީދޫ ނަލަފެހި ޖަމިއްޔާގެ ނައިބް ރައީސްގެ މަގާމު މިހާރުވެސް އަދާކުރަމުން އަންނަ ސާލިހާގެ ހިއްސާ އާއި އެކު ރަށުގައި ތަފާތު ހިތްފަސޭހަ މައިދާންތައް ހެދިފައިވާ އިރު މިފަދަ ތަންތަން ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓޭނީ ކައުންސިލުން މިކަންކަމަށް ހާއްސަ އިސްކަމެއް ދެވިގެންނެވެ. އަދި އެފަދަ ކަންކަން މުޅި ސިޓީގައި ކުރިއަށް ގެންދެވޭނީ މިފަދަ ކަންކަމުގެ އަމަލީ ތަޖްރިބާ ލިބިފައިވާ ފަރާތްތައް ކައުންސިލަށް އިންތިހާބު ކުރެވިގެންނެވެ.
މީދޫގެ މަސްވެރި އާއިލާއަކަށް ނިސްބަތްވާ ސާލިހާގެ ތައުލީމާއި ތަޖްރިބާ އަދި ރަށުގެ އެކި ފަންތީގެ މީހުންނާއި އެކު ފާއިތުވި ދުވަސްތަކުގައި ކުރެވުނު މަސައްކަތުން މީދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ހުނަރާއި، ހިތްވަރު ވަނީ ލިބިފައެވެ.
އައްޑޫ ސިޓީ ކައުންސިލްގައި މީދޫ ތަމްސީލްކޮށް މީދޫ ރައްޔިތުން އެދޭ ތަރައްޤީ ހޯދައި ދިނުމަށް ސާލިހާ އެންމެ ސިކުންތެއްވެސް ފަސް ޖެހުމެއް ނެތި ހުންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއެވެ. އަދި ރައްޔިތުން ސާލިހާއަށް ދޭ ވޯޓަކީ މީދޫ ތަރައްޤީއަށް ދޭ ވޯޓެއް ކަމަށް ހަދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއެވެ. ވުމާއި އެކު އެޕްރީލް 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އާމިނަތު ސާލިހާގެ ނަމާއި ދިމާލުގައި ހެޔޮ ފާހަގަ ޖަހައި، މީދޫގެ ކުރިމަގު ހެޔޮ ކުރުމަށް ރައްޔިތުންގެ ކިބައިން އިހްލާސްތެރިކަމާއި އެކު އެދެއެވެ.