Last Updated: November 28, 15:30
Thursday, November 28, 2024
މުނިފޫހިފިލުވުން

"ސަތިޔަމޭވް ޖަޔަތޭ" ދެވަނަ ސީޒަނަކަށް

އިންޑިއާގެ އެކިއެކި ދާއިރާތަކުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް ވާހަަކަ ދައްކައި ހިޔާލު ބަދަލުކޮށް، އެދެވޭ ނަތީޖާތަކެއް ހާސިލް ކުރުމުގެ ބޭނުމުގައި ސްޓާ ޕްލަސް އިން 2012 ވަަނަ އަހަރު އާމިރް ހާނާ ގުޅިގެން ގެނެސް ދިން ކާމިޔާބް ޝޯ "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ސީޒަން އަންނަ އަހަރު ކުރީކޮޅު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްޓާ ޕްލަސް އިން ވަނީ ޝޯގެ ތައްޔާރީތައް މިހާރު ވެސް ފަަށައިފަ އެވެ. އެގޮތުން އާމިރްގެ ވެސް ބައިވެރިވުމާ އެކު، ޝޯގައި މި ފަހަރު އަލި އަޅުވާނެ ދާއިރާތަކާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް އަންނަނީ މަޝްވަރާ ކުރެވެމުންނެވެ.

އެހެން ނަމަވެސް މި ވަގުތު "ދޫމް 3" އާއި "ޕީކޭ" ގެ މަސައްކަތުގައި އާމިރް ވަރަށް ބިޒީކޮށް އުޅޭތީ، ޝޯ އަށް އޭނާ އަށް އަދި އެހާ ބޮޑަކަށް ވަގުތެއް ދެވޭ ގޮތެެއް ނުވެ އެވެ.

އެކަމަކު ޑިސެމްބަރު 20 ގައި ރިލީޒް ކުރާ "ދޫމް 3" އާއި އަންނަ އަހަރު ރިލީޒް ކުރަން މިހާރު ޝޫޓްކޮށް ނިންމަމުން އަންނަ "ޕީކޭ" ގެ މަސައްކަތް ނިމުމަމާ އެކު އާމިރް "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ސީޒަންގެ ތައްޔާރީތަކުގައި އަމަލީ ގޮތުން ބައިވެރިވާން ފަށާނެ އެވެ.

ވަރަށް ގިނަ ބައެއްގެ މަގުބޫލްކަން ލިބިގެން ދިޔަ މި ޝޯ ސްޓާ ޕްލަސް އިން ގެނެސް ދެނީ އާމިރްގެ ޕްރޮޑަކްޝަން ހައުސް އާ ގުޅިގެންނެވެ.