އިނގިލީގެ ނިޝާނުގެ ޞައްޙަކަން ދެނެ ގަތުމުގެ ޤާބިލްކަން ފުލުހުން އިތުރުކޮށްފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން އާދަމް ވިދާޅުވެއްޖެ އެވެ.
އިނގިލީގެ ނިޝާން ޞައްޙަ ކުރުމުގެ ޤާބިލްކަން ފުލުހުން އިތުރުކޮށްފައި މި ވަނީ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރާ އިރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުގައި އިނގިލީގެ ނިޝާން ޖަހައި އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން އެދޭ ފޯމުތަކެއްގައި ހުންނަ އިނގިލީގެ ނިޝާން ކަށަވަރު ކުރަން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގައި މި ވަގުތު އިނގިލީގެ ނިޝާންގެ ޞައްޙަކަން ދެނެގަތުމުގެ ޤާބިލްކަން ހުރީ ހަމައެކަނި ފުލުހުންގެ އަތުގައި ކަމަށްވެފައި އިނގިލީގެ ނިޝާންގެ ޞައްޙަކަން އަވަސް އަދި ފަސޭހަ ނިޒާމެއްގެ މަތިން ކަށަވަރު ކުރެވޭނެ ގޮތެއް އޮތުމަކީ މުހިއްމު ކަމެއް ކަމުގައި ދެކި މިހާރު ހަމަޖައްސާފައި ވަނީ އޮޓަމޭޓެޑް ފިންގަ ޕްރިންޓް ސިސްޓަމްގެ އިތުރުން މެނުއަލްކޮށް ވެސް އިނގިލީގެ ނިޝާން ކަށަވަރު ކުރެވޭނެ ގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދާށެވެ.
އޮޓަމޭޓެޑް ފިންގަ ޕްރިންޓުގެ އިތުރުން މެނުއަލްކޮށް އެ މަސައްކަތް ކުރާނީ ކަމުގެ ތަޖުރިބާ ލިބިފައިވާ މީހުން ބޭނުންކޮށްގެން ލޮލުން ބަލައިގެންނެވެ.
އާދަމް ވިދާޅުވީ ކޮންމެ މީހެއްގެ ވެސް ކޮންމެ ފިންގަ ޕްރިންޓެއްގައި ކައުންޓް ކުރަން ޖެހޭ އެއްޗެހިތަކެއް ހުންނާނެ ކަމަށާއި، އެ އެއްޗެހިތައް ފިންގަ ޕްރިންޓް އެކްސްޕާޓުން ލޮލުން ބަލައިގެން ކައުންޓް ކުރެވޭނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއީ ފިންގަ ޕްރިންޓް އެކްސްޕާޓުންނަށް ކުރެވޭނެ ކަމެއް ކަމަށެވެ.