Last Updated: November 22, 05:51
Friday, November 22, 2024
ރިޕޯޓް

އެޗްޕީއޭގެ ގައިޑްލައިން އެމްޑީޕީއަށް ނުހިނގާ! ހުރިހާ ބާރެއް ދިނުމުގެ ގޯސް ނަތީޖާބާ؟

ފޮޓޯ: ސޯޝަލް މީޑިއާ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮންނަތާ އަހަރު ދުވަސްވީއެވެ. ދިގު މުއްދަތަކަސް މާލެ ފުލް ލޮކްޑައުނަކަށް ގެންދިޔަތާ އަހަރު ދުވަސްވާން ބާކީ މިއޮތީ ފަސް ވަރަކަށް ދުވަހެވެ. ކޮވިޑް-19 ގެ ހުރިހާ ކަމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ބަލުމުގެ ދަށުން ހިނގާތާ އަހަރުދުވަސްވީ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ނިންމި އެންމެބޮޑު އެއް ނިންމުމަކީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމެވެ. މާދަމާ އަކީ އެ ފަސްކުރި އިންތިހާބު ބާއްވާ ދުވަހެވެ. މިހާހިސާބަށް އައިއިރު އެންމެ ގިނަބައެއްގެ ޝަކުވާއަކަށް ވެފައި ވަނީ އެމްޑީޕީއަށް އެޗްޕީއޭގެ ގައިޑްލައިންތައް ނުހިނގާ މައްސަލައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުން އެޗްޕީއޭއިން ހާއްސަ ގައިޑްލައިންތަކެއް ނެރުނެވެ. އެގޮތުން ނެރުނު އެއް ގައިޑްލައިނަކީ ސަރުކާރުގެ ފަރާތްތަކަށް އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކަރަންޓީން ވުމަކާ ނުލާ ރަށްރަށަށް ދެވުމެވެ. މިކަމަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި އިރު އިދިކޮޅުން މިކަން ސިފަކޮށްފައިވަނީ އެޗްޕީއޭ ސިޔާސީ ނުފޫޒުގައި ޖެހި ވަކިބައެއްގެ ނުފޫޒުން އެޗްޕީއޭ ހިނގާކަމަށެވެ.

މަންޒަރު ފެނުނީވެސް އެގޮތަށެވެ. އިދިކޮޅުން އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް މާލޭގައި އެއްވުން ކުރިއަށްގެންދާތީ އެކަން ހުއްޓުވުމަށް ރައިޓްގިޔަރުގައި ފުލުހުން ނިކުތްއިރު, ހުޅުމާލޭގައި އެމްޑީޕީން ހަމަ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ގައިދުރުކަމެއްނެތި އަދި ފަސް މީހުނަށްވުރެއް އިތުރަށް އެއްވެ ތިބެ ހަރަކާތް ބޭއްވި އިރު އެކަން ހުއްޓުވުމަށް ފުލުހުންނެއް ނުދެއެވެ.

އިދިކޮޅުން ހުކުރުދުވަހު އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް އެއްވުން ބާއްވަފާނެތީ ފުލުހުން އިދިކޮޅު ޕީޕީއެމްގެ އޮފީސް ދޮރުމަތި ބަންދުކުރިއިރު, އެމްޑިޕީން އެޕާޓީގެ ޖަގަހަ ކުރިމަތީ ގައިދުރުކަމެއް ނެތި އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ މިންވަރަށް ވުރެއް އިތުރަށް މީހުން އެއްވެ ތިބެ ހަރަކާތް ހިންގި އިރު އެކަން ހުއްޓުވުމަށް ވެސް ފުލުހުންނެއް ނުދެއެވެ.

މާލޭގެ ޒުވާނުންކޮޅެއް ފަޅުރަށަކަށް ދަތުރު ގޮސް އެރަށަށް ނޭރެނީސް ފުލުހުން އެ ޒުވާނުން ދަތުރުދިޔަ ދޯނި ހުއްޓުވާ އެ ހުރިހާ ޒުވާނުން ޖުރިމަނާ ކުރީ އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ އަދަދަށްވުރެއް ގިނަ މީހުން އެއްވެ ތިބެ ދަތުރު ދިޔަ ކަމަށް ބުނެއެވެ. އެހެންނަމަވެސް އެމްޑީޕީން ރަށްވެހި ފަތިސް ކެމްޕޭން ނިންމާލުމަށް އެތަށް އުޅަނދެއްގައި އެތައް ބަޔަކާއެކު ރަސްދޫއަށް ދަތުރުކުރި އިރު އެކަމަށް އެޗްޕީއޭއިން އަދި ފުލުހުން އެޅި ފިޔަވަޅެއް ނެތެވެ.

މިކަންކަން އަދި މިނޫންވެސް އިތުރު ކަންކަން މިމަގުން ހިނގާގޮސްފައި މިވަނީ, އެޗްޕީއޭގެ ގައިޑްލައިން އެމްޑީޕީއަށް ނުހިނގާތީއޭ ބުނުމުގެ ފުރުސަތު އެބައޮތެވެ.

މިއީ ހުރިހާ ބާރެއް ދިނުމުގެ ގޯސް ނަތީޖާބާ؟

އެމްޑީޕީއަށް ރައްޔިތުން ވެރިކަން ދިނީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީ އެމްޑީޕީގެ ގިނަ ވައުދުތަކެއް ފުއްދުމުގެ ފުރުސަތު ދޭންވެގެންނެވެ. ކުރުގޮތަކަށް ބުނާނަމަ ހުރިހާ ރައްޔިތުންނާއި މެދު ހަމަހަމަ އަށް އަމަލުކޮށް އިންސާފު ހޯދައިދޭނެކަމަށް އެމްޑީޕީން ވައުދު ވެފައިވާތީ, އެ އިންސާފުގެ ބޭނުމުގައި އަދި އެ ފުދުންތެރިކަމުގެ ބޭނުމުގައި އެމްޑީޕީއަށް ރައްޔިތުން ހުރިހާ ބާރެއް ދިނީއެވެ.

އެހެންނަމަވެސް މިފަދަ ބަލިމަޑުކަމެއްގައި ހުރިހާ ރައްޔިތުންގެ އަދި ސިޔާސީ މީހުންގެ އަމާޒު ގޮސް ހުއްޓެނީ އެޗްޕީއޭއަށެވެ. މިކަމާގުޅިގެން ހުރިހާ ކަމެއްވެސް ނިންމުމުގެ އިހްތިޔާރު އެޗްޕީއޭއަށް ދީފައި އޮތަތީއެވެ. އެހެންނަމަވެސް ފެންނަނީ އެޗްޕީއޭގެ ނިންމުންތައް ތަންފީޒުކުރުމުގައި ތަފާތު ކުރުން ގެންގުޅޭތީ އެކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުންގެ ހުރިތަނެވެ.

ޤާނޫނަކުން އިދާރާއެއް މުއައްސަސާއެއް އުފައްދައިފި ނަމަ އެފަދަ އެއްވެސް ތަނެއް މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭނެ ހަމަ އެއްވެސް ގޮތެއްނެތެވެ. މިދަނޑިވަޅުގައި އެޗްޕީއޭއިން ތަފާތު ކުރުން ގެންގުޅޭކަމަށް ކުރެވޭ ތުހުމަތު, އަދި ވަކިން ހާއްސަކޮށް ގައިޑްލައިންތައް ތަންފީޒު ކުރުމުގައި ތަފާތުކުރުން ގެންގުޅޭކަން ނުބެލިގެން މިއުޅެނީ ހުރިހާ ބާރެއް އެއްބައެއްގެ އަތުގައި އޮތުމުން ބާއެވެ؟

ޔަގީނުންވެސް ފެނުނު މަންޒަރަކީ އެޗްޕީއޭގެ ޕްރޮފެޝަނަލިޒަމާއި މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުނުތަނެވެ. އެކަން އެގޮތަށް ދިމާވި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއްދުވަހު މަޖިލީހުގެ ކޮމިޓީއަކަށް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން އެޗްޕީއޭ ހާޒިރުކޮށް ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުސަތު ނެތްކަމަށް ބުނުމުން ޖެހިގެން އައި ދުވަހު ފެނުނީ ކަރަންޓީން ވުމަކާ ނުލާ ކެމްޕޭނަށް ދެވޭގޮތަށް ގައިޑްލައިން ނެރުނު މަންޒަރެވެ. އެކަމަށް ފާޑުކިޔުން އިތުރުވީ މިންވަރުން އެ ގައިޑްލައިން އެޗްޕީއޭއިން އުވާލިއެވެ.

ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށްފައި ނުވަތަ މަދު ވަގުތު ކޮޅެއްގައި ހުޅުވާފައި ބަހެއްޓޭތީ އެކަމުގެ ކަންބޮޑުވުމާއެކު މަޖިލީހަށް ހާޒިރު ކުރުމުން އެގައިޑްލައިނަށް ވެސް ޖެހިގެން އައި ދުވަހު އެޗްޕީއޭއިން ބަދަލުގެނައެވެ.

ޓެކްސީ ޑްރައިވަރުންގެ މައްސަލައިގައިވެސް ކަންވީ ހަމަ މިހެންނެވެ. ކުރުގޮތަކަށް ބުނަނީނަމަ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހަށް އެޗްޕީއޭ ހާޒިރުކުރާ ކޮންމެ ފަހަރަކު ގައިޑްލައިނެއް ބަދަލުވާ މަންޒަރު ރައްޔިތުންނަށް ދިޔައީ ފެންނަމުންނެވެ. މިއީ ހުރިހާ ބާރެއް އެއް ބައެއްގެ އަތުގައި އޮތުމުން ވާގޮތަކީ ބާވައެވެ؟

ސޯޝަލްމީޑިއާގައި ރައްޔިތުން ހުއްޓާނުލާ ދައްކަނީ އެމްޑީޕީއަށް ގައިޑްލައިން ނުހިނގާ ވާހަކައެވެ. އެމްޑީޕީއާ ޖެހުމުން ގައިޑްލައިންގެ ބާރު ނުހިނގާކަމުގެ ވާހަކައެވެ. ހުރިހާ ބާރެއް ދިނުމުން އެމްޑީޕީން ސިޔާސީ ވެރިންނަށް ވަކިގޮތެއް އަދި އާންމުންނަށް ވަކިގޮތެއް ހަދާ ވާހަކައެވެ.