އައްޑޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައި ދެވޭނެ ގޮތްތަކެއް އައްޑޫގެ ސްކޫލްތަކުގައި ހަމަޖެހިފައި ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ހޯދުމުގެ ފުރުސަތު އައްޑޫގައި އޮތީ ކިހާ ވަރަކަށްތޯ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ވަނީ ހާއްސަ އިންކުއަރީއެއް ވެސް ފަށައިފަ އެވެ.
އެޗްއާރްސީއެމްގެ ޓީމުގައި އިސްކޮށް ހުންނެވީ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ތޮލާލެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ގިނަ އަދަދެއްގެ ކުދިން އެބަ ތިބި ކަމަށެވެ. ހިތަދޫގައި 300 އަދި މަރަދޫގައި 18 ވަރަކަށް ކުދިން އެބަ ތިބި ކަމަށް ކައުންސިލުން ބުންޏެވެ.
އެފަދަ ކުދިން އެންމެ ގިނައިން ތިބީ ހިތަދު އާއި މަރަދޫގަ އެވެ. އެޗްއާރްސީއެމުން ކުރިއަށް ގެންދާ އިންކުއަރީ ވެސް އައްޑޫގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެ ދެ ރަށުގަ އެވެ.
ނަމަވެސް އައްޑޫގެ ސްކޫލްތަކުގައި އެފަދަ ކުދިންނަށް ކިޔަވައި ދޭނެ ހާއްސަ ކުލާސްތަކާއި އެކަމަށް ބޭނުންވާ ވަސީލަތްތަކެއް ވެސް ނެތް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ޝަރަފުއްދީން ސްކޫލްގައި ހިންގި މި ދޭތެރެއަކުން ނުކުޅެދޭ ކުދިންނަށް ހާއްސަ ކުލާހެއް. އެކަމަކު އެތަނުގައި ވެސް އެކަށީގެންވާ ގޮތަކަށް އެކަމެއް ކުރިއަކަށް ނުދޭ،" އޭނާ ވިދާޅުވި އެވެ. "މަރަދޫގައި ތިބި އެފަދަ ކުދިން އެބަ ކިޔަވާ ނޯމަލް ކުދިންނާ އެކު، އާންމު ކުލާސްތަކުގައި. އެކަމަކު މިއީކީ ނުކުޅެދޭ ކުދިންނަށް އެންމެ އެކަށޭނަ ގޮތަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން. ގާނޫނުން ވެސް ލާޒިމްކުރޭ އެފަދަ ކުދިންނަށް ދޭން ޖެހޭ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކޮށް، އާދައިގެ ކުދިންނެކޭ އެއްގޮތަށް ތައުލީމް ހޯދުމުގެ ފުރުސަތު ކަށަވަރުކޮށްފައި އޮތުމަށް."
އެޗްއާރްސީއެމުން ކުރިއަށް ގެންދާ "ނެޝަނަލް އިންކުއަރީ އޮން އެކްސެސް ޓު އެޑިއުކޭޝަން ފޮ ޗިލްޑްރަން ވިތު ޑިސެބިލިޓީޒް" ނިމުމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓެއް ހުށަހަޅާނެ އެވެ.
މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށްގެން އެ ކޮމިޝަނުން ކުރިއަށް ގެންދާ އިންކުއަރީއެކެވެ.