Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު ޝަރުއީ ދާއިރާ

ނަޖީބް މަރާލި މައްސަލަ: ހަނާގެ އަޑުއެހުންތައް ނިންމާލައިފި

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގެ ތެރެއިން--

2012 ވަނަ އަހަރު ޤާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލުމުގެ ކުށުގައި ށ. ގޮއިދޫ/ރިހާބު، ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ކްރިމިނަލް ކޯޓުން ފާތިމަތް ހަނާގެ މައްޗަށް މަރުގެ ހުކުމް އިއްވާ ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށްފައިވާއިރު ހަނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. މި މައްސަލައަކީ ހައްދުގެ މައްސަލައަކަށް ވުމުން ދައުލަތުން ވަނީ މި ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ސުޕްރީމް ކޯޓުން މި މައްސަަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ އިސް ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. ދެން ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހަނާވަނީ ނަޖީބް މަރާލި ހާދިސާގައި ކަން ހިނގާފައިވާ ގޮތް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ.

އެގޮތުން ޝަރީއަތުގައި ވާހަކަ ދައްކަވަމުން ހަނާ ބުނެފައިވަނީ އެ މައްސަލައިގައި ދެން ދައުވާ ކޮށްފައިވާ އަހުމަދު މުއްރަތު ދިރިއުޅޭ ގެޔަށް ނަޖީބު ގެންދިޔައީ ޤާނޫނީ ލަފާ ބޭނުންވާކަމަށް ބުނެ ކަމަށެވެ. އަދި ނަޖީބު ގޮނޑިއެއްގައި އިންދާ ނަޖީބުގެ ކަރުގައި މުއްރަތު ވަޅި ޖައްސާ، ނަޖީބްގެ އަތާއި އަނގައިގައި ޓޭޕު އެޅުމަށް ބުނިކަމަށެވެ. އަދި އެވަގުތު ބިރު ގަނެފައި ހުރި ވަރުން ޓޭޕް އެޅި ކަމަށެވެ. އެހެންނަމަވެސް ނަޖީބްގެ ނޭފަތުގައި ޓޭޕު ނާޅާ ކަމަށާއި، ނަޖީބަށް ނޭވާ ލެވޭނެ ކަމަށް ހަނާ ޝަރީއަތުގައި ބުންޏެވެ.

ހަނާ ބުނީ ނަޖީބް ގޮނޑީގައި ޓޭޕު އަޅާފައި ބޭންދުމަށްފަހު އޭނާގެ ވޮލެޓު ނެގިކަމަށާއި، އަދި ކާޑުގެ ޕިން ނަމްބަރު ނަޖީބު ކިޔައި ދިނުމުން އައިޖީއެމްއެޗް ގައި ހުރި އޭޓީއެމްއަށް ގޮސް ލާރި ނެގިކަމަށާއި، އަދި އޭގެ ފަހުން ކާއެއްޗިއްސާއި ރާ ގަނެގެން ގެޔަށް ދިޔަ ކަމަށެވެ. އަދި ރާ ބޮއެގެން އޮށްވާ ނިދުނީ ކަމަށާއި، އޭގެފަހުން ހޭލެވުނީ މުއްރަތު ގޮވުމުން ކަމަށެވެ. އަދި މުރަތުގެ އަތުން ނަޖީބު މަރުވީ ކަމަށް މުއްރަތު ބުނި ކަމަށް ހަނާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި އެގޮތަށް ކަންތައްވީ ނަޖީބު ހަޅޭލަވާ އަޑުގަދަ ކުރުމުން ކަމަށް މުއްރަތު ބުނި ކަމަށް ހަނާ ޝަރިއަތުގައި ބުންޏެވެ. އަދި ހަށިގަނޑު ޑިސްޕޯސް ކުރުމާއި ގުޅޭގޮތުން ވާހަކަ ދެއްކީ އޭގެ ފަހުން ކަމަށް ހަނާ ބުންޏެވެ.

ނަޖީބް މަރާލި މައްސަލައިގައި މީގެ ކުރިން އިއުތިރާފްވީ ނަޖީބްގެ ގައިގައި ޓޭޕް އެޅުމާއި ހަށިގަނޑު ޑިސްޕޯސް ކުރުމުގެ އިތުރުން އެކަމުގައި ބައިވެރިވި ވެވިފައިވާތީ ކަމަށްވެސް ހަނާ ޝަރީއަތުގައި ވާހަކަ ދައްކަމުން ބުންނެވެ. އެހެންނަމަވެސް މިހާރު ވިސްނުމުން އިއްވާފައިވާ މަރުގެ ހުކުމަކީ އޭނާއަށް 'ޑިޒާވް' ވާ ހުކުމެއް ނޫންކަން ވިސްނޭކަމަށް ހަނާ ޝަރީއަތުގައި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ހަނާގެ ވާހަކަތަކަށް ފަހު އުއްތަމަ ފަނޑިޔާރު ވަނީ މީގެ ކުރިން އަޑުއެހުމުގައި ފަނޑިޔާރުން ދައުލަތާއި ދައުވާ ރައްދުވާ ފަރާތާއި ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދީފައެވެ. އަދި މިއަދުގެ އަޑުއެހުން ނިންމާލަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ މިހާހިސާބުން މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި އިތުރު ކަމެއް ސާފު ކުރުމަށް ނެތްނަމަ ދެން ބާއްވާނީ މި މައްސަލަ ނިންމުމަށް ކަމަށެވެ.