އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ސ.މީދޫ ޒިޔާރަތްދޮށުގޭ ގޯތިތެރޭގައި ހުރި ބޮޑު ބަބުކެޔޮގަހެއް ވެއްޓިއްޖެވެ.
އެގޭ ގޯތި ތެރޭގައި ހުންނަ އެމްޑީޕީ ޖަގަހަ ކައިރީގައި ހުރި ބަބުކެޔޮ ގަސް ނަރުގިސް މަގު ހުރަސްކޮށް ވެއްޓުނު އިރު އެމްޑީޕީ ޖަގަހައިގެ އުތުފަރާތުގައި ހުރި ހިންނަވަރީގޭ ވަޑާންގޭ ފުރާޅުން ބައެއްގައި ބަބުކެޔޮ ގަސް ޖެހިފައިވީ ނަމަވެސް މި ހާދިސާގައި ވަޑާންގޭ ފުރާޅަށް މާބޮޑުގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މޫސުމް ގޯސްވެ އައްޑު އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ހުޅުދޫގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން މޫދަށް ފޮނުވާލުމަށްޓަކައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ވެހިކަލް ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުން އިއްޔެ ހަވީރު މަސައްކަތްކޮށްފައިވެ އެވެ.
އެގޮތުން ހުޅުދޫގެ ދެ ސަރަހައްދެއްގައި ބޮޑުވެފައިވާ ފެންގަނޑު ކޯރުކޮނެގެން މޫދަށް ފޮނުވާލުމުގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ ހުޅުދޫ ސްކޫލް ސަރަހައްދާއި ހުޅުދޫ ނާދީ ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑެވެ.