ސ. ގަން އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއަށް 35 މިލިއަން ޑޮލަރު ހޯދުމަށް ބޭރުގެ ފަސް ބޭންކަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.
އޭއައިއޭގެ މެނެޖިން ޑިރެކްޓަރު ޝާހިދު އަލީ (ޝާޑް) ވިދާޅުވީ ރަންވޭ ބޮޑު ކުރުމަށް ހިއްކަން ޖެހޭ ސަރަހައްދުގެ 40 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދުބާއީގެ ގަލްފް ކޮބްލާ އިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. ހިއްކުމަށް 11.7 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ.
ޝާޑް ވިދާޅުވީ ހިއްކުމުގެ މަސައްކަތްތައް ނިމުމުން ރަންވޭ ބޮޑު ކުރުމާއި މިހާރު އޮތް ރަންވޭ އާއި އޭޕްރޮން މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކަމަށާއި ފައިސާ ހަމަޖެއްސުމަށް މަޝްވަރާ ކުރަމުން ދަނީ ޗައިނާގެ އެކްޒިމް ބޭންކާއި ޔޫކޭގެ ދެ ބޭންކަކާއި އަދި ޔޫއެސްގެ ބޭންކަކާ އެކު ކަމަށެވެ.
ގަން އެއާޕޯޓް ަތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ލަގާން އާ އެވެ. ސަބް ކޮންޓްރެކްޓް އުސޫލުން ލަގާން އިން އެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ދުބާއީގެ ގަލްފް ކޮބްލާއާ އެވެ.
ޝާޑް ވިދާޅުވީ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތަކަށް ލޯން ހޯދައި މަސައްކަތްތައް ފަށައިގަންނަތާ އަށް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރެެއްވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫ އެއާޕޯޓްގެ ޑިވެލޮޕްމަންޓް މަސައްކަތްތައް ނިމުމުން ރަންވޭ 700 މީޓަރަށް ދިގު ކުރެވޭނެ ކަމަށެވެ.
އަދި މިހާރު އޮތް ކޮންކްރީޓް ރަންވޭގައި ތާރު އަޅައި އޭޕްރޮން ބޮޑު ކޮށް މަރާމާތު ކުރެވޭނެ ކަމަށެވެ. އަދި ރަންވޭ އާއި އޭޕްރޮންގެ ދެ ފަރާތުގައި އެންމެ ފަހުގެ ޑްރެއިނޭޖް ސިސްޓަމެއް ގާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަމުގެ އެއާޕޯޓްގައި ސީޕްލޭން ހަބެއް ވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ.
ގަން އެއާޕޯޓް ކުންފުނީގައި އިކުއިޓީ ޕާޓްނަރެއްގެ ގޮތުގައި، ޗަންޕާ ހުސެއިން އަފީފުގެ ހިއްސާ އޮންނަ ކާސާ ކުންފުނީގެ 30 ޕަސެންޓް ހިއްސާ އޮވެ އެވެ.