Last Updated: November 23, 05:52
Saturday, November 23, 2024
ޚަބަރު

މިހާރުގެ "ބްރޯ" އަކީ ރައީސް ނަޝީދު: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

މިހާރުގެ "ބްރޯ" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީން ގެެނެސްދިން "ސަންގު ބަހުސް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގައި ޝަރީފް އާއެކު ދެން ބައިވެރިވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި ވާހަކަދައްކަމުން ބޮންޑޭ ވަނީ ރިޔާސީ ނިޒާމުގައި އަބަދުވެސް "ބްރޯ" އެއް ހުންނަ ކަމަށާއި އެ ބްރޯގެ ކަމަކީ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރުން ކަމަށްވާއިރު އެގޮތުން ޝަރީފް މެންފަދަ ބޭފުޅުންނަކީ މިހާރު ހުރި ބްރޯ ކޮންޓްރޯލް ކޮށްފައި ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ބްރޯ އަކީ ކޮން ބޭފުޅެއް ކަމެއް ބޮންޑޭ ވިދާޅެއް ނުވެއެވެ.

ބޮންޑޭ އެހެން ވިދާޅުވުމާއެކު ޝަރީފް ވަނީ ކޯފާ އިސްކުރައްވައި ބޮންޑޭ މެންފަދަ ބޭފުޅުން ކޮންޓްރޯލް ކުރައްވައިގެން އުޅުއްވަނީ ނަޝީދު ކަމަށާއި އެހެންކަމަށްވާނަމަ ބްރޯ އަކީ ނަޝީދު ނޫންތޯ ސުވާލުކުރައްވާފައެވެ. އަދި ބަރުލަމާނީ ނިޒާމަކީ ހަގީގަތުގައި ވެސް ބްރޯ ކޮންޓްރޯލް ކުރާ ނިޒާމެއް ކަމަށާއި އެ ނިޒާމުގައި 43 މެމްބަރުން އެއްކޮށް ގަނެލުމުން ސަރުކާރު އެއްކޮށް ގަނެވުނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ބްރޯ ނިޒާމުގެ މީހުންނެއް ނޫން. އަޅުގަނޑުގެ ވެސް ބްރޯ އަކީ ރައީސް ނަޝީދު. ބްރޯ، ބްރޯއޭ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް" ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވެރިކަން ބޭނުންފުޅުވުމުން ނިޒާމު ފުރޮޅާލައި، މުޅި ގައުމު ސުންނާފަތި ކުރަން ނުޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ބްރޯއެއް އޭނާ ކޮންޓްރޯލް ކުރާނަމަ އެކަން ކުރައްވަނީ "ރައީސް ނަޝީދު ބްރޯ" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ބްރޯ އަކީ ރައީސް ނަޝީދޭ އަޅުގަނޑު މި ދަންނަވަނީ ކެރި ހުރެގެން" ޝަރީފް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް ފެށިފައިމިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.