Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ކޮވިޑް-19: ތިނަދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ކަރަންޓީނުގައި ނެތް މީހަކު ގދ.ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އެޗްޕީއޭ އިން ތިނަދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށް ތިނަދޫގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން އެ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތަކާއި، ކޮލެޖް/ޔުނިވާސިޓީ އަދި ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމާއި، ކެފޭ ރެސްޓޯރެންޓުތަކުން ގްރޫޕްތަކަށް ކޭޓަރިންގެ ހިދުމަތް ނުދިނުމާއި، ސައިހޮޓާ ރެސްޓޯރެންޓުތަކުގައި ހިދުމަތްދޭއިރު ގައިދުރުކަމާއެކު ތިބެވޭނެ އިންތިޒާމު ހަމަޖައްސަން ވަނީ އަންގާފައެވެ.

އަދި ފިހާރަތަކާއި ގާޑިޔާތަކުގެ ހިދުމަތްތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށާއި އެއާޕޯޓު ޑިއުޓީއަށް މީހުން ދިއުމާއި އައުން މަޑުޖައްސާލުމުގެ އިތުރުން ކުޑަކުދިންގެ ޕާކުތަކާއި މިއުޒިއަމް ޕާކު ބަންދުކުރަން ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން ރޯދަ ވީއްލަން ގޭގެއަށް ޒިޔާރަތް ކުރުމާއި، ރެސްޓޯރެންޓުތަކުގައި އާއިލީ ރޯދަވީއްލުން ނުބޭއްވުމުގެ އިތުރުން މިސްކިތަށް ދާއިރު މާސްކު އެޅުމާއި އަމިއްލަ މުސައްލާ ގެންދަން ވެސް ކައުންސިލުން ވަނީ އަންގާފައެވެ.

ތިނަދޫން ފެނުނު ޕޮޒިޓިވް ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.