Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ސިޔާސީ

ޕީޕީއެމް މެމްބަރުން އުޅެނީ "ޖޭ" ވާތީ: ރޮޒައިނާ

ޕީޕީއެމް މެމްބަރުން މަޖިލީހުގައި އަޑުގަދަކޮށް ކަންކަމާއި ދެކޮޅަށް ވާހަކަދައްކާ ހަދަނީ "ޖޭ" ވާތީ ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އިގްތިސާދު އެންމެ ރަނގަޅަށް ހިފެހެއްޓި އެއްގައުމަކީ ރާއްޖެ ކަމަށާއި، އަދި އިދިކޮޅުން ހީކުރިގޮތަށް ކަންކަން ނުދިއުމުން އެކަމާ "ޖޭ" ވެގެން އުޅޭކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ކޮވިޑްގެ ހާލަތުގެ ތެރޭގައިވެސް ތަރައްޤިގެ އެއްވެސް މަޝްރޫއެއް ހުއްޓުމެއް ނެތި މި ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށާއި، އަދި އެކަމާވެސް އިދިކޮޅު ފަރާތްތަކުން "ޖޭ"ވާ ކަމަށެވެ. މި ސަރުކާރު އައިތާ ދެ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރުން ނުކުރާވަރަށް މަސައްކަތް ކުރާކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ އެކަމާވެސް އިދިކޮޅު ފަރާތްތައް "ޖޭ"ވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން އެމްޓީސީސީއަކީ ފައިދާވާ ކުންފުންޏަކަށް ހަދާފައިވާކަމަށާއި، އަދި ފެނަކަ އިނދަޖައްސާލާފައި ވަނިކޮށް ފެނަކަ އަކީވެސް ފައިދާވާ ކުންފުންޏަކަށް ހަދާފައިވާކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މި ހުރިހާ ކަމެއްގެ ތެރޭގައިވެސް އިދިކޮޅު ފަރާތްތަކަށް ހަމައެކަނި ދެއްކުނީ ރައީސް ޔާމީން މިނިވަން ކުުރުމުގެ ވާހަކަ އެކަނިކަމަށެވެ.