އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖެއަށް އިންޑިއާއިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަޅައިފިއެވެ.
އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުން އަދި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ މީހުން ހިމެނޭގޮތަށް ރާއްޖެއަށް އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރަންޖެހޭ ކަމަށް ފިޔަވަޅުގައިވެއެވެ.
އެޗްޕީއޭގެ ހާއްސަ ފިޔަވަޅުގައި ވާގޮތުން ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުން ހިމެނޭގޮތަށް އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާރމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހެދުމާއި، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވުން ހިމެނެއެވެ. މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީ.ސީ.އާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަމަސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި މީގެތެރޭގައި 1 އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ޑިޕާޗާ ޕީސީއާރް ޓެސްޓެއްވެސް ހަދަންޖެހޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އަދި އިންޑިއާއިން އަންނަ ފަތުރުވެރިން ދިވެހިރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާ (މީހުން ދިރިއުޅޭތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި) ތަކަށް ޗެކްއިން ވުން ހުއްޓައިލުމަށްވެސް ފިޔަވަޅުތަކުގައި އަންގާފައިވެއެވެ. ނަމަވެސް މިހާރު މިފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި އިންޑިއާއިން ދަތުރުކޮށްފައިވާ ފަތުރުވެރީންނަށް ބުކިންގ ހަދައިފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށްވެސް އެޗްޕީއޭގެ ހާއްސަ ފިޔަވަޅުގައިވެއެވެ.