އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެ ކަމަށާއި، މައްސަލަ ބެލުމުން ބައެއް މަޖްލިސް މެމްބަރުންގެ ގޮޑި އާއި ބައެއް ވަޒީރުންގެ މަގާމު ގެއްލިދާނެކަމަށް މަޖްލިސްގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާން މަޖްލިސްގެ ރިޔާސަތުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ މައްސަލައިގެ އަޑި ހޯދާނެކަމަށެވެ. އަދި އެކަން ނުބަލައި ދޫނުކޮށްލަވާނެކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފުރިހަމަ ތާއިދު ލިބޭނެކަމަށް ޝައްކު ނުކުރައްވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން އެކަމަށް އިޖާބަދޭނެ ކަމަށެވެ.
"މިލިއަން ޑޮލަރު ނާޖާއިޒް ގޮތުގައި އިއްޒަތްތެރި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނަށާއި އަދި އެހެން ވެސް އިދާރާތަކުގެ އެތައް ބަޔަކަށް ލިބުނުކަން ވަރަށް ތަފްސީލްކޮށް ހެއްކާއި ގަރީނާއާއެކުގައި ވާނީ ސަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށް ހުށަހެޅިފައި. 270 މީހުންނަށް ދައުވާ ކުރުމަށް މިހާރުވެސް ވަނީ ފާހަގަވެފައި. އެ ދައުވާތައް ކުރިއަށް ދާނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން، އިއްޒަތްތެރި ބައެއް ބޭފުޅުންގެ ގޮނޑި ގެއްލިދާނެ. މަގާމު ވެސް ގެއްލިދާނެ، އަދި އަނެއްބައި ބޭފުޅުންނަށް އިތުރު ގޮތްގޮސް ވެސް ވެދާނެ، އެހެން ނަމަވެސް މި ސަރުކާރު ވެސް މި މަޖިލިސް ވެސް އުފެދިފައި މިއޮތީ މި މަސައްކަތް އަޅުގަނޑުމެން ކުރުމަށް،" ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު އާޢި ދެމެދު ވަނީ އެމްްއެމްޕީއާރުސީގެ ފައިސާ އާއި ގުޅިގެން ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައެވެ.