މާދަމާ ރިލީޒް ކުރާ ރިތިކް ރޯޝަންގެ ސްޕަހީރޯ ފިލްމް "ކްރިޝް3" ގެ ލަވައެއް ރާއްޖޭގައި މަނާކޮށްފައިވާ ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން އިން ބުނެފި އެވެ.
އެ ލަވައަކީ އެ ފިލްމުގައި ހިމެނޭ "ގޯޑް ﷲ އޯރް ބަގްވާން" އެވެ.
މިއީ ހިންދީ ފިލްމެއްގައި ހިމެނޭ ކޮންޓެންޓަކާ ގުޅިގެން ރާއްޖޭގައި މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. އެކަމަކު މި ވަލަ ޔޫޓިއުބުން މިހާރު ވެސް ބަލާލެވެން ހުރިކަން ފާހަގަ ކުރެވެ އެވެ.
ރާޖޭސް ރޯޝަން މިއުޒިކް ތައްޔާރުކޮށް، ސަމީރް އަންޖާން ލިރިކްސް ތައްޔާރުކޮށްފައިވާ މި ލަވަ ކިޔާފައި ވަނީ ސޯނޫ ނިގާމާއި ޝްރެޔާ ގޯޝަލް އެވެ.
އެ ލަވަ ރާއްޖޭގައި އާންމު ކުރުން މަނާ ލަވައެއް ކަމުގައި ހަމަޖައްސައި ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ" ގޯޑް ﷲ އޯރް ބަގުވާން" މި ލަވައަކީ އިސްލާމް ދީނުގެ މައިގަނޑު އެއް އަސްލު ކަމަށްވާ ކީރިތި ﷲ ގެ އެއްކައުވަންތަ ކަމާމެދު ޝައްކު އުފެދޭ އިބާރާތްތައް ހިމަނާފައިވާ ލަވައެއް ކަމަށެވެ.
އަދި މިފަދަ ވާހަކަތައް ހިމެނޭ، އިސްލާމް ދީނާ ހިލާފު އެއްވެސް ފަންނީ އުފެއްދުމެއް ރާއްޖޭގައި ވިއްކުމާއި، ބްރޯޑްކާސްޓް ކުރުމާއި، ރީ-ބްރޯޑްކާސްޓް ކުރުމާއި، ބެލުމާއި އަދި އެހެން މީހަކަށް ދެއްކުމަކީ ވެސް އެ ބިއުރޯގެ "ގިންތި ކަނޑައެޅުމާއި، ދަރަޖަ ކުރުމުގެ ގަވާއިދު" ގެ ދަށުން މަނާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ކްރިޝް 3" އަކީ ރިތިކްގެ ބައްޕަ ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގެ ތަރިންގެ ތެރޭގައި ރިތިކްގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ، ކަންގަނާ ރަނާވަތު އަދި ވިވެކް އޮބެރޯއީ ހިމެނެ އެވެ.
"ކްރިޝް 3" މާދަމާ ސިނަމާތަކަށް އަންނަ އިރު، މި ފިލްމު ބެލި ބައެއް ކްރިޓިކުން ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވަރަށް މަތީ ރޭޓްތަކެއް ވެސް ދީފަ އެވެ.
އެގޮތުން މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ވަނީ މި ފިލްމަށް ފަހެކުން، ހަތަރެއް ބައި ތަރީގެ ރޭޓެއް ދީފަ އެވެ.