Last Updated: November 24, 11:53
Sunday, November 24, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އެމްޑީޕީ ގައުމީ މަޖިލީހަށާއި ޕާލިމެންޓަރީ ގްރޫޕަށް ނުފޫޒު ފޯރުވާ: މީކާއިލް

މެމްބަރު މީކާއިލް އަހުމަދު ނަސީމު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ގައުމީ މަޖިލީހަށާއި ޕާލިމެންޓަރީ ގްރޫޕަށް ނުފޫޒު ފޯރުވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިފަދައިން ވިދާޅުވެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށްދީ އެކަމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅަންޖެހޭގޮތަށް އާންމު ސިއްހަތުގެ ގާނޫނަށް ޖުޑިޝަރީ ކޮމިޓީން ގެނައި އިސްލާހާއި ދިމާއިދިކޮޅަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އިސްލާހެއް ހުށަހެޅުއްވުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކުރައްވައެވެ.

މީކާއިލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު މުހިންމުވަނީ ކުއްލި ހާލަތުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްޤުތަކެއް ބަންދުވާތީ ކަމަށެވެ. މީކާއިލް ވިދާޅުވީ އަދިވެސް މައްސަލަ ދިމާވަނީ ޑިމޮކްރަޓިކް ނިޒާމަށް ތަހުޒީބުނުވާތީ ކަމަށެވެ. މީކާއިލް ވިދާޅުވީ ބައެއް ފަރާތްތަކަށް މުއައްސަސާތައް އަދިވެސް ފެންނަނީ މީހުންގެ ގޮތުގައި ކަމަށެވެ.

"މަޖިލިސް ވެއްޖިއްޔާ އެއީ މުހައްމަދު ނަޝީދު. ރައީސް އޮފީސް ވެއްޖިއްޔާ އެއީ އިބްރާހިމް މުހައްމަދު ސޯލިހް. އެހެންތަނެއް ވެއްޖިއްޔާ އެއީ އެތަނެއްގައި މިހާރު ހުންނަވާ މީހަކު. އެއީއެއް ނޫނޭ މި ޑިމޮކްރަސީގެ އަސާސީ ސިފަޔަކީ. އަޅުގަނޑުމެން މި ދައްކަނީ ނިޒާމުގެ ވާހަކަ. މި ދައްކަނީ ޗެކް އެންޑް ބެލެންސްގެ ވާހަކަ." މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މުއައްސަސާތައް އެތަންތަނުގެ ގޮތުގައި ދެކެން ވެއްޖެ ކަމަށާއި، އަދި އެކަމުގެ ތެރެއިން ޖަވާބުދާރީވަނިވި ދައުލަތެއް މުހިންމު ވާކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވިދާޅުވީ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގައި އޮތީ ސިއްހީ ކުއްލި ހާލަތުގެ ބާރު ހަމައެކަނި މަޖިލީހަށް ނެގުމުގެ ވާހަކަ ނޫންކަމަށާއި، ކޮމިޓީގެ އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރާ ކުއްލި ހާލަތަށް ރުހުން މަޖިލީހުން ދޭގޮތަށް ކަމަށެވެ. އަދި އެގޮތަކީ މިހާރުވެސް ޤާނޫނުއަސާސީގައި އޮތްގޮތްކަން ފާހަގަކުރައްވާފައިވެއެވެ.

މީކާއިލް ވިދާޅުވީ ބައެއް މެމްބަރުންނަށް އަންނަ ފޯން ކޯލަކުން ޕީޖީގެ ވޯޓުތައް ބަދަލުވާނަމަ އެމަންޒަރު ބަލަން ނުތިބޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހަށާއި ޕާލިމެންޓަރީ ގްރޫޕަށް ތަފާޓު ފަރާތްތަކުން ނުފޫޒު ފޯރުވާކަން ހާމަކުރަން ބޭނުންވާކަމަށް މީކާއިލް ވިދާޅުވިއެވެ.