ކާމިޔާބަކީ ގަދައަޅައި މަސައްކަތްކޮށް އަދި މައިންބަފައިންނާއި މުދައްރިސުންނާއި ބޮޑެތި މީހުންގެ ބަސްއަހައިގެން ހާސިލް ކުރެވޭނެ އެއްޗެއް ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމީދޫ ބްރާންޗްގެ މެނޭޖަރު އަބްދުﷲ ސޯލިހު ވިދާޅުވެއްޖެ އެވެ.
ޝަމްސުއްދީން ސްކޫލްގެ 31 ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން
ސޯލިހު ވިދާޅުވީ ބުރަކޮށް މަސައްކަތް ނުކޮށް ލިބޭ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
"ތިޔަ ކުދީންނަށް ވެސް ބޭނުން މީހަކަށްވުމުގެ ފުރުސަތު އެބަ އޮތް. ބޭނުން ވަނީ ފޯކަސްކޮށްގެން މަސައްކަތް ކުރުން. މަސައްކަތްކުރާ އިރު އިސްލާމީ ރިވެތި އާދަތައް ހިފަހައްޓަން ޖެހޭ. އެހެނީ އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން." ސޯލިހު ވިދާޅުވި އެވެ. "ކޮންމެ އުފެއްދުމަކާ އެކު ވެސް މެނުއަލްއެއް އޮވޭ. މިސާލަކަށް އިންޖީނަކާ އެކު ޔޫޒާ މެނުއަލްއެއް އޮންނާނެ. މިގޮތުން އަޅުގަނޑުމެން އިންސާނުންނާއެކު މެނުއަލްއެއް ފޮނުއްވާފައިވޭ. އެއީ ކީރިތި ﷲގެ ކަލާންފުޅު. އެއީ މުޅި އިންސާނީ ނަސްލުގެ ގާނޫނު އަސާސީ. އެންމެހާ އަޅުތަކުން އިލާހީ ގާނޫނު. ވީމާ ހުރިހާ ދަރިވަރުން ވެސް ސާބިތުކަމާއެކީ ކީރިތި ގުރުއާން ކިޔަވާ ގުރުއާނުގައިވާ ގޮތަށް އަމަލު ކުރުމުގައި ދެމިތިބުމުން ގެއްލިގެން ނުދާނެ."
ބެލެނިވެރީންނާ މުޚާޠަބްކޮށް ސޯލިހު ވިދާޅުވީ ހަރުދަނާ މަސައްކަތްތެރީން އުފެއްދޭނީ އަޅުގަޑުމެން މައިންބަފައިން ދަރިވަރުންނަށް ހެޔޮ ނަމޫނާ ދައްކައިގެންކަމަށް ވާތީ ދަރިވަރުންގެ ޝަޚްސިއްޔަތު ބައްޓަން ކުރުމުގައި ހެޔޮ ނަމޫނާ ދެއްކެވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.
"ކުދީންގެ ކިބައިގައި ގުރުއާން ކިޔެވުމުގެ އާދައާއި ވަގުތުން ވަގުތަށް ނަމާދު ގާއިމްކުރުމުގެ އާދަ ހަރުލައްވަން ޖެހޭ. ގަޑިންގަޑިއަށް ކަންކަން ނިންމުމުގައި އެހެން ކުދީންނާ ގުޅިގެން އުޅެން ދަސްކޮށް ދޭން ޖެހޭ. ކުދީންނަށް ހެޔޮލަފާ ރަގަޅު ރަހުމަތްތެރީން ހޯދައި ދިނުމަށް ބާރު އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. "ކުދީން އުޅޭ ނޫޅޭ ގޮތް ބަލައި މުޅި ޖުމްލަކޮށް އިސްލާމީ ރިވެތި އާދަތައް ކުދީންގެ ކިބައިގައި ހަރުލައްވަން މަސައްކަތް ކުރަން ޖެހޭ. މިކަމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ފަރާތަކީ މައިންބަފައިން."