ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ އަދި ކަރިޝްމާ ކަޕޫރުގެ ބައްޕަ ރަންދީރް ކަޕޫރު ކޮވިޑަށް ފައްސިވެގެން އެޑްމިޓްކޮށްގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ރަންދީރް ފުރަތަމަ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާލާން އުނދަގޫވާތީ ކަމަށާއި ގެންގޮސް ޓެސްޓް ކުރި އިރު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ހިންދުސްތާން ޓައިމްސް ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ. ރަންދީރަށް ފަރުވާ ދެމުން އަންނަނީ ކޮކިލާބެން އަމްބާނީ ހޮސްޕިޓަލުގައެވެ. ރަންދީރު އައިސީޔޫއަށް ބަދަލު ކޮށްފައިވަނީ ކޮވިޑްގެ ބައެއް ޓެސްޓްތަކެއް ހަދަން ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ހިންދުސްތާން ޓައިމްސްއިން ރިޕޯޓްކޮށްފައިވެއެވެ. މިހާރު އޭނާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށް އާއިލާއިން ބުނެއެވެ.
ރަންދީރަށް ކޮވިޑް ޖެހުނީ ކިހިނެތް ކަމެއް އޭނާއަކަށް ނޭނގޭ ކަމަށް ރަންދީރް ވަނީ ބުނެފައެވެ. ކޮވިޑް ވެކްސިން 2 ޑޯޒް ފުރިހަމަ ކޮށްފައިވަނިކޮށް ރަންދީރު ކޮވިޑަށް ފައްސިވެފައިވާ އިރު އޭނާގެ 5 ސްޓާފުން ވެސް ވަނީ މި ބައްޔަށް ފައްސިވެ، ހަމަ އޭނާއާއި އެއް ހޮސްޕިޓަލްގައި ފަރުވާދޭން ފަށާފައެވެ. އެހެން ނަމަވެސް އޭނާގެ އަންހެނުން ބަބީތާއާއި އޭނާގެ އަންހެން ދެދަރިން ކަމަށްވާ ކަރިޝްމާ އަދި ކަރީނާ ވަނީ ކޮވިޑް ޓެސްޓުން ނައްސި ވެފައެވެ.
ރަންދީރް ކަޕޫރަކީ ކޮވިޑަށް ފައްސިވީ ބޮލީވުޑް ތަރިންގެ ލިސްޓަށް އެންމެ ފަހުން އައި ނަމެވެ. އިންޑިއާގެ ނިއު ދިއްލީގައި ކޮވިޑް ހާލަތު ގޯސްވެ ގިނަ އަދަދަކަށް މީހުން ދަނީ މަރުވަމުންނެވެ.