ސ. ގަމުގެ އީކްއޭޓަ ވިލެޖްގެ ބީޗްގައި ބަނގުރާ ބޯން ތިބި ކަމުގެ ތުހުމަތުގައި ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) އާއި އިތުރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 12:30 އެހާކަށްހާ އިރު ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ބަނގުރާ ބޯން ތިއްބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިރުޒާދު، 28، އާއި ފޭދޫ ހިޔާލާގޭ ހިޔާލާގޭ އަހުމަދު މިންތާޒް (މިންތާ)، 45، ގެ އިތުރުން ހިތަދޫ ސަހަރާގޭ އަލީ މޫސާ ދީދީ، 53، އެވެ.
މި މައްސަލަ އާ ގުޅިގެން މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރި އިރު އީކްއޭޓަ ވިލެޖްގެ ބީޗްގައި މި މީހުން ތިބި މޭޒުމަތީގައި ހުރި ތަށިތަކުގައި ބަނގުރާ ހުއްޓައި ވަނީ ފެނިފަ އެވެ. މީގެ އިތުރުން އިތުރު ބަނގުރާ ދަޅެއް ވެސް އެ މޭޒުމަތިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ތަހުލީލު ކުރިއިރު ތިން މީހުން ވެސް ވަނީ އަލްކަހޯލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ބަނގުރާ ބުއިކަމުގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހުންގެ ތެރެއިން މިރުޒާދަކީ ސަރުކާރާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މިންތާއަކީ ބަނގުރަލުގެ މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ވެސް ކަމަށް ފުލުހުން ބުންޏެވެ.