Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ކޮވިޑު-19: އެމެރިކާއިން އަންގަނީ މުޅި އިންޑިއާ ލޮކްޑައުން ކުރަން

އެމެރިކާގެ އެޕިޑެމޮލޮޖިސްޓް ޑރ. އެންތަނީ ފޯސީ

އެމެރިކާގެ އެޕިޑެމިއޮލޮޖިސްޓް އެންތަނީ ފޯސީ ބުނެފައިވާ ގޮތުގައި އިންޑިއާގައި ކޮވިޑްގެ ހާލަތު ރަނގަޅު ވުމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވުމާއެކު އޭގެ އެންމެ ރަނގަޅު ގޮތަކީ އެކަންތައް ހައްލު ކުރުމަށް ހަފްތާތަކަކަށް މުޅި ޤައުމު ލޮކްޑައުން ކުރުން ކަމަށް ދެކޭ ކަމަށެވެ.

"ދަ އިންޑިއަން އެކްސްޕްރެސް" ނޫހަށް ދިން އިންޓަރވިއު އެއްގައި ޑރ. އެންތަނީ ވަނީ އެންމެ އަވަސް ކަމަކަށް މީހުންނަށް ވާ ވަރަށް އޮކްސިޖަނާއި، ބޭސް އަދި ޕީޕީއީތައް އެ ޤައުމުން ހޯދަން ޖެހޭނެ ކަމަށެވެ. ކޮވިޑްގެ ހާލަތު އޮތް ހިސާބު ދެނެގަތުމަށް ހާލަތު ދަށްވެފައިވާ މީހުން އެއް ސަރަހައްދެއްގައި ބޭތިއްބުން މުހިއްމު ކަމަށް ޑރ. އެންތަނީ ބުނެފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކުރެއެވެ.

ސަރުކާރުގެ ވަކި ފަރާތެއްގެ ނަން ނުކިޔާ ޑރ. އެންތަނީ ވަނީ މިއީ ކަންކަމުގެ އުފާފާޅު ކުރަންޖެހޭ ވަގުތު ނޫން ކަމަށާއި ޤައުމުގެ ރައްޔިތުންގެ ހައްގުގައި ޤައުމު ދުވަސްކޮޅަކަށް ބަންދު ކޮށްލަންޖެހޭ ކަމަށް ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ކޮރޯނާގެެ ހާލަތު ޗައިނާގައި އެންމެ ގަދަވީ ދުވަސްކޮޅު ޗައިނާއިން ވެސް ވަނީ މުޅި ޤައުމު އެއްކޮށް ބަންދު ކޮށްފައި ކަމަށެވެ. އެ ގޮތުން އެހާލަތުން އަރައިގަންނަން ފަސޭހަވި ކަމަށް ވެސް ޑރ. އެންތަނީ ބުންޏެވެ.

މިހާރުވެސް އިންޑިއާގެ ބައެއް އަވަށްތައް ވަނީ ލޮކްޑައުން ކޮށްފައެވެ. ދާދި ފަހުން ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ ވަނީ ލޮކްޑައުން އަކީ އެންމެ ފަހުން ކުރަންޖެހޭ ކަންތައް ކަމަށް ބުނެފައެވެ.

އިންޑިއާއިން ހުކުރު ދުވަހު ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަނީ 4 ލައްކައިން މައްޗަށް އަރާފައެވެ. މިއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 32 ލައްކައިން މައްޗަށް އަރާފައެވެ.