މަންދު ކޮލެޖަށް ބަދަލުދިނުމުގެ ކަންކަމުގައި އޮޑިޓަރ ޖެނެރަލް ދީފައިވާ ލަފަޔަކީ ޤާނޫނީ މަފްހޫމުތަކާ ތައާރުޟުވާ ލަފައެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިފަދައިން ބުނެފައިވަނީ މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަލައިގައި ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން ސަރުކާރުން އުވާލާފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުންވަނީ އޭޕްރިލް 19 ވަނަ ދުވަހު ހުކުމްކޮށްފައެވެ. ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރީ އެއްބަސްވުން ބާތިލުކުރީ ގޮތުން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށް އަދި ބަދަލު ހޯދުމަށް ވަކިން ދައުވާ ކުރެވޭނެކަމަށް ހުކުމް ކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އަދި އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތައްކަން ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއިރު އެންމެ ބޮޑަށް މިކަމުގައި ފާޑުކިޔާފައިވަނީ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންނެވެ. މިއާއެކު ފެންމަތިވެގެން އައީ މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް 20 ސެޕްޓެމްބަރު 2020 ގައި ތައްޔާރުކޮށްފައިއޮތް އެސެސްމެންޓް ރިޕޯޓެކެވެ. އެ ރިޕޯޓުގައި ބުނެފައިވާގޮތުން، އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިިންގުމަށް ހެދި އެއްބަސްވުން އުވާލެއްވުމާ ގުޅިގެން، މާލެ ހައި ޕްރައިވެޓް ލިމިޓެޑްއިން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަ ވެގެން ދޭންޖެހޭނީ 1.2 މިލިއަން ރުފިޔާއާއި 1.5 މިލިއަން ރުފިޔާއާއި ދެމެދުގެ މާލީ ބަދަލެއްކަމަށް ބެލެވޭކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ މި އެސެސްމެންޓް ރިޕޯޓަށް ބަންޑާރަނައިބުގެ އޮފީހުން ވަނި މިއަދު ނެރުނު ނޫސްބަޔާނުގައި ރައްދު ދެއްވާފައެވެ. އެގޮތުން ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ އެއްބަސްވުން ބާތިލު ކުރީ ގޯހުންކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު އެކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައެޅުމުން، އެ ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ކުރިން، ގެއްލުމުގެ މިންވަރު އަންދާޒާކޮށް، ވަޒަންކުރުމުގެ ބޭނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެ އެސެސްމެންޓް ރިޕޯޓް ތައްޔާރު ކުރެއްވި ކަމަށެވެ.
އަދި ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ އޮޑިޓަރ ޖެނެރަލްގެ ލަފަޔަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން، ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުޞޫލުތަކާއި، އެއްބަސްވުންތައް އެ މައްޗަށް ބިނާވާ "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް" ފަދަ ޤާނޫނީ މަފްހޫމުތަކާ ތައާރުޟުވާ ގޮތަށް ދީފައިވާ ލަފައެއް ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން އުފަންވި ގެއްލުމެއްކަމާއި އެ ގެއްލުމަކީ، ވެދާނެ ގެއްލުމެއްކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާނެ ގެއްލުމެއްކަަން އާދައިގެ ސަބަބުވެރި ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭ ގެއްލުމެއް ކަމަށްވާކަންވެސް ފާހަގަވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުގެ ބަޔާނުގައިވެއެވެ.