ޤައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބެއްގައެވެ.
އެގޮތުން ހިތާބުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނިީ އެމަނިކުފާނު ވެރިކަމާ ހަވާލުވެލެއްވި އިރު ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، ދިވެހިރާއްޖެ އޮތީ 120 ވަނައިގައި ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވެފައިވަނީ ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަރައިފައި ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤަކީވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު ފަދައިން، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްޤެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވެފައިވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން މަޢުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެން ކަމަށް ރައީސްގެ ހިތާބުގައިވެއެވެ.
ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް ޙުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެކަމަށް ރައީސްގެ ހިތާބުގައިވެއެވެ. އަދި ރައީސް ވަނީ ހަބަރު ގެނެސްދިނުގައި ޒިންމާދާރު ވުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.
"ހަމައެފަދައިން، މަޢުލޫމާތު ފެތުރުމުގައި ޔޯލަ ވާހަކަތަކަށް ބަރޯސާނުވެ، ތަޙުލީލީ ނޫސްވެރިކަމުގެ ޒަރީޢާއިން، ކޮންމެ ކަމެއްގެވެސް ޙަޤީޤަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ނޫސްވެރިކަމަކީވެސް ޤައުމީ ޚިދުމަތެއް ކަމުގައި ދެކިގެން، ޤައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ." ރައީސްގެ ހިތާބުގައިވެއެވެ.
ރައީސް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މައުލޫމާތު، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނޫސްވެރިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.