Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އެންޑީއޭ ހެލްތުގެ ދަށައް ބަދަލުކޮށްފި

ފޮޓޯ:މިހާރު

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަނެއްކާވެސް ހެލްތު މިނިސްޓްރީގެ ދަށައް ބަދަލުކޮށްފިއެވެ.

މަސްތުވާ ތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެންޑީއޭ ފަހުން ހިންގަމުން އައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.

ޝަކުވާ ބޮޑުވެފައިވާ އެންޑީއޭގެ ހިންގުން ދޯދިޔާވެ އެތަނުގައި އިސްކޮށް މަސައްކަތް ކުރި ގިނަ ބަޔަކު ވަނީ އެތަނުން އިސްތިއުފާދީފައެވެ.

ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހާ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން ހިމެނެއެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތްކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަކީ ވެސް އެންޑީއޭގެ މަސްއޫލިއްޔަތެކެވެ.