ގޯހުންގޯހަށް ޤައުމުގެ ޙާލަތު ނުދަނީސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު
ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގޯސްވަމުންދާ ކޯވިޑްގެ ހާލަތަށް އިޝާރާތް ކުރައްވާ މިގޮތުން ކަންބޮޑުވުން ފާޅުކުރައްވަވާ ޑރ.މުޢިއްޒު ވަނީ ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯހުންގޯހަށް ނުދަނީސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރައްވައިފައެވެ.
ގޯހުންގޯހަށް ޤައުމުގެ ޙާލަތު ނުދަނީސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރަން. ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރ މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވާ މިޙާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި. https://t.co/5zqyaUc0up
— Dr Mohamed Muizzu (@MMuizzu) May 5, 2021
އަދި ވެކްސިންގެ ސްޓޮކް މަދުވެ، ވެންޓިލޭޓަރު މަދުވެ ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވާ މިފަދަ ހާލަތެއްގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައިކަން ވެސް ޑރ.މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 540 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 186 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ދުވަހެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ރިކޯޑު އަދަދަކަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32،665 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 7109 ކޭސް އެވެ. މި ބަލިން 25،473 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 198 މީހަކަށެވެ. މި ބަލީގައި 74 މީހަކު ވަނީ ނިޔާވެފައެވެ.